22 May 2019, 22:57
ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާ ބެހޭ ގަވައިދަށް އާންމުން ހުށަހެޅި ހިޔާލުތަކުގެ މައްޗަށް އެ ގަވައިދު އަލުން ރީޑްރާފްޓް ކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެފިއެވެ.
ރުއްގަސް ނެގުމުގެ އާ ގަވައިދެއް ޑްރާފްޓްކޮށް އެ ގަވައިދަށް އާންމުންގެ ހިޔާލު، ލިޔުމުން ހުށަހަޅަން މީގެ ކުރިން ހުޅުވާލާފައިވެއެވެ. އެއީ މިިދިޔަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހުއެވެ.
ނަމަވެސް، އާންމުންގެ ކަންބޮޑުވުންތައް ބޮޑުވުމާ އެކު، ރޭ ސަލްޓަން ޕާކުގައި ވަނީ އާންމުންނަށް ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިގެން ފޯރަމެއް ބާއްވާފައެވެ. އެ ފޯރަމްގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ރޭގެ ފޯރަމުގައި ހިޔާލު ފާޅުކުރަމުން ބުނެފައި ވަނީ ރުއްގަސް ނެގުމުގެ ގަވައިދުގެ މަގުސަދަކަށް ވާން ޖެހޭނީ ރުއްގަސް ނެގޭނެ ގޮތްތައް ހަނި ކުރުން ކަމަށެވެ. މިހާރު ގަވައިދު އޮތް ގޮތުން އެކަން ހާސިލު ނުވާ ކަމަށް ހިޔާލު ފާޅު ކުރި ބައެއް މީހުން ދެކެއެވެ.
ފޯރަމުގައި ވާހަކަ ދެއްކި ބައެއް މީހުން އެދިފައި ވަނީ ގަސް ނެގޭނެ ތަންތަނާއި ނެގޭނެ ބޭނުންތައް ސަރީހަކޮށް ގަވައިދުގައި ހިމެނުމަށާއި ހޭޅި ފަށުން ރުއްގަސް ނެގޭނެ ގޮތްތައް ހަރުކަށި ކުރުމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ގްރީން އޭރިއާތައް ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން، ރުއްގަސް ނެގުުމުގެ މައްސަލައަށް ހައްލެއް ލިބެންދެން ރުއްގަސް ނަގައިގެން ރިސޯޓުތަކަށް ގެންދަން ހުއްދަ ދިނުން ފަދަ ކަންކަން މުޅިން ހުއްޓާލަން ބައެއް މީހުން ހުށަހެޅިއެވެ.

ރޭ ބޭއްވި ރުއްގަސް ނެގުމުގެ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފޯރަމްގެ ތެރެއިން --
އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން މިރޭ ވިދާޅުވި ގޮތުގައި، ރުއްގަސް ނެގުމުގެ ގަވައިދަށް ލިބުނު ލަފާތަކާ އެކު އެ ގަވައިދު އަލުން ރީޑްރާފްޓު ކުރާނެ އެވެ.
"އެ ގަވައިދަށް ލިބުނު ލަފާތަކާ އެއްކޮށް އަނެއްކާ ރީޑްރާފްޓު ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، ގަވައިދަށް ރަނގަޅު ހިޔާލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގަވައިދު ރީޑްރާފްޓްކޮށް އަލުން އެކުލަވާލާނީ ލިބުނު ރަނގަޅު ހިޔާލުތައް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ގަވައިދުގެ ހުލާސާ
- ރުއްގަސް ކެނޑޭނީ، އުފުރޭނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ދެވޭނީ ރުއްގަސް ދިރުވާ އާލާކުރުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމެއް، މަޝްރޫއެއް ނުވަތަ ޒަރޫރީ ބޭނުންތަކަށް.
- ފުރަބަންޑާރަ ލަކުޑީގެ ގޮތުގައި، ނުވަތަ މުޑުވައް ކޮށްގެން ހައްދާ ގަސް، ނުވަތަ ނާސަރީގައި ހައްދާ ރުއްގަސް، ނުވަތަ މީހުން ދިރިއުޅޭ ގޯތިތަކުގައި ހައްދާ ރުއްގަސް މިކަމުން އިސްތިސްނާވޭ.
- ނަގާ ކޮންމެ ރުއްގަހެއްގެ ބަދަލުގައި ހަތަރު ގަސް އިންދަންޖެހޭ.
- ހުއްދައާ ނުލައި، ނުވަތަ ހުއްދައާ ހިލާފަށް ކުރާ ކަމަކުން ލިބޭ ގެއްލުމެއްގެ ކުޑަބޮޑު މިނަށް ބަލައި، އެކަމެއް ކުރިފަރާތެއް 501 ރުފިޔާ އާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާކުރެވޭނެ.
- ރުއްގަސް ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ހިމެނޭ.