އާޓިފިޝަލް ބީޗްގެ މޫދަށް އެރޭބައި ދެ ދުވަސް ތެރޭ ހުުޅުވާލާނެކަަމަށް އެމްޓީސީސީން ބުނެފިއެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ މަސައްކަތް ފަސް މަސް ދުވަހުން ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ މިދޔަ އޮކްޓޯބަރު މަހުއެވެ. ނަމަވެސް އެ މުއްދަތު ފާއިތުުވިދިޔައިރުވެސް އެތަން ނުނިމޭތީ އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު "ސަން" އަށް ވިދާޅުވީ އާޓިފިޝަލް ބީޗް މިދިޔަ އަހަރު ހަވާލުކުރި ނަމަވެސް އެ ޕްރޮޖެކްޓް ތަފާތު ސަބަބުތަކާ ހެދި އޮތީ މަޑުޖެހިފައި ކަމަށެވެ.

"އިލެކްޝަނަށް ފަހު ސަރުކާރު ހަވާލުވިއިރުވެސް އެތަނުގައި ބައިވަރު ޕާކިންޒޯނެއްގެ ގޮތުގައި ބައިވަރު އެއްޗިތި. ދެން މި ސަރުކާރުން ބޭނުންވީ އަވަހަށް ރޯދަމަހާ ދިމާކޮށް އެ މަސައްކަތް ކުރަން. ދެން އޭރު މިނިސްޓްރީގެ ނަންވެސް ބަދަލުވެއްޖެ. ދެން ސްކޯޕް އޮފް ވާކްސްވެސް ބަދަލުވެއްޖެ. ދެން ވޭރިއޭޝަންސްތަކެއްވެސް އަތުވެއްޖެ. ދެން މިހުރިހާ އެއްޗެތި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކޮށްގެން އެމްޓީސީސީއާ މި ހަވާލުވީ،" ޝާހު ވިދާޅުވިއެވެ.

އެމްޓީސީއާއެކު އާ ކޮންޓްރެކްޓުގެ ދަށުން ޖުލައި މަހާ ހަމައަށް އެތަން ނިންމަން ކަނޑައަޅާފައި އޮތް ނަމަވެސް އަމާޒަކީ ރޯދަމަސް ނިމުމުގެ ކުރިން އެތަން ނިންމުން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެ އެތަނުގެ ޚިދުމަތްތައް ލިބުން އަވަސްކުރުމުގެ ގޮތުން ދެ ދުވަހެއްހެ ތެރޭގައި މޫދަށް އެރޭބައި ހުޅުވާލަން ނިންމައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗް ނުނިމުނީ އެތަނުގައި އިންދަން ޖެހޭ ރުއްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުލިބުމާއި ލައިޓް ޕޯލްސް ތަކާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ނުލިބިގެން ކަމަށެވެ. އަދި މިހާރު ކާށިދު އާއި ހުޅުމާލެއިން ރުއްތައް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.