22 May 2019, 21:45
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެ ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް، ކުންފުނި "ހަމަ މަގަށް" އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން، ބައެއް މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ.
"މި މަސައްކަތް ކުރިއަށް ދާއިރު ކުންފުނި ހިންގުމުގައި ޕްރޮޑަކްޓިވް ނޫން މުވައްޒަފުން ނުވަތަ ބޭނުން ނެތް މަގާމުތައް އުވާލުމަށް ވަނީ ހަމަޖެހިފައެވެ." ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، މަގާމު އުވާލުމުގެ ކުރިން، މުވައްޒަފުން ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ލިބިފައިވާ ހުނަރަށް ބަލާފައި އެ މުވައްޒަފުން ޝަރުތުފުރިހަމަވާނަމަ ކުންފުނީގެ އެހެން ދާއިރާތަކުން ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޕީއެސްއެމްގެ އިދާރި އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ކުންފުނީގައި ކޮންޓްރެކްޓަށް މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލު ނޫން މުވައްޒަފުންގެ ކޮންޓްރެކްޓު އުވާލެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޕީއެސްއެމްގެ އޮނިގަނޑު އިސްލާހު ކުރުމުުގެ ތެރެއިން އެންމެ ފުރަތަމަ އަމާޒު ހިފާފައި ވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތް ދިރާސާކޮށް އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށް ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެސްއެމްއިން މުވައްޒަފުން ވަކި ކުރަން ނިންމާފައިވާއިރު، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.