އައިޖީއެމްއެޗްގެ އިމާރާތުގައި ހިންގަމުން އައި އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ އޯޕީޑީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ މާދަމާއިން ފެށިގެން އެ ހިދުމަތްތައް ލިބޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ވަނަ ފަންގިފިލާއިން ކަމަށެވެ.

އެ ދެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ކުރަން ނިންމާފައިވާއިރު، އެ އިމާރާތުގައި މިހާރު އިތުރަށް ދެމުން ދަނީ އައިޖީއެމްއެޗްގެ ފިޒިއޯތެރަޕީ ޑިޕާޓްމެންޓާއި ސްޕީޗް ތެރަޕީ ޑިޕާޓްމެންޓުގެ ހިދުމަތެވެ. ފިޒިއޯ ތެރަޕީ ޑިޕާޓްމެންޓު ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރު ވަނަ ބުރީގައެވެ. އަދި ސްޕީޗް ތެރަޕީ ޑިޕާޓްމެންޓު ހުންނަނީ ފަސް ވަނަ ބުރީގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.