22 Oct 2011, 21:27
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް އައްޑޫ ސިޓީ އަމާން ތަނަކަށް ހަދައިދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސާކް ސަމިޓުގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑާ އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ސާކް ސަމިޓަށް ތައްޔާރު ވުމުގެ ގޮތުން އައްޑު ސިޓީ އާއި ފުވައްމުލަކުގައި ސެކިއުރިޓީގެ ކަންތައް ވަރަށް ރަނަގަޅަށް ބަލަމުން އަންނަ ކަމަށާއި ސަމިޓް އޮންނަ ދުވަހާ ހަމަޔަށް އެކި ގޮތްގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ސަލާމަތީ ކަންތައްތައް ބަލައި އަމާން ކުރާނެ ކަމަށެވެ. ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަން ނިންމާފައިވަނީ ތިން ފޭސް އަކަށް ބަހާލައިގެން،" ފައިރޫޝް ވިދާޅުވިއެވެ. "ސާކް ސަމިޓުގައި ބައިވެރިވާ ވީއައިޕީން ގެ ސަލާމަތާ ރައްކާތެރިކަމަށް ބަލާފަ، އެބޭފުޅުންނަކީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބޭފުޅުންނަށް ވާތީ ކަނޑައެޅިފައިވާ ވަކި އުސޫލު ތަކެއްގެ މަތިން ޗެކްކޮށް އެކަމާ ބެހޭ ފިޔަވަޅުތައް އަޅާނަން،" ފައިރޫޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގައި ގުޅިފައި ހުރި ފަޅު ރަށްތަކަށް ދާންދެން ބަލާ ފާސް ކުރާނެ ކަމަށާއި އެ ދުވަހާ ގުޅިގެން އައްޑު ސިޓީގެ ބައެއް މަގުތައް ވެސް ބަންދު ކުރާނެ ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އައްޑޫ ސިޓީގައި ކުށްކުރާ އަދަދު މަދު ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވުން މަނާ ސަރަހައްދު ތަކުގައި އެއްވިޔަ ނުދޭނެ ކަމަށާއި އެހެންނަމަވެސް ހިޔާލުފާޅު ކުރުމަށް ރައްޔިތުން ބޭނުންވާ ހަލަތެއްގައި ފުލުހުން އެކަމަށް އެއްބާރު ލުން ދޭނެ ކަމަށެވެ.