ރައީސުލްޖުމުހުރިއްޔާގެ ޕޮލިޓިކަލް އެޑުވައިޒަރު އިބްރާހިމް އިސްމާއިލް (އިބުރާ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މޮޔައިން ކަމަށް ބުނުން އެއީ ރައީސް ނަޝީދަށް ނިސްބަތް ކޮށް ވިދާޅުވި ވިދާޅުވުމެއް ކަމަށް ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވުސް (ޕީޕީއެމްގެ) ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) މިއަދު ވިދާޅު ވެއްޖެ އެވެ.

ވައްޑޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ނަންފުޅަކީ ރައީސް ނަޝީދު މަޖިލިހަށް ހުށައެޅުއްވުމުން މަޖިލިހުން ފާސްކުރެއްވި ބޭފުޅުން ކަމަށަވެ. އެހެން ކަމުން އެއީ ސީދާ ރައީސް ނަޝިދު އާ ދިމާލަށް އިބްރާ ވިދާޅުވި ބަސްފުޅެއް ކަމަށެވެ.

"އިބްރާމެން ރައްޔިތުންގެ ކުރިމަތީގައި މިފަދަ ވާކަހަތަށް ދައްކަން ލަދުގަންނަން ޖެހޭނެ. އެންމެ ފުރަތަމަ އިބްރާ އެބުނީ ރައީސް ނަޝީދަކީ މޮޔައެކޭ. އެހެން އެބުނީ ކުރީގައި އިބްރާ އާއި ރައީސް ނަޝިދާ ދެމުދު ހިނގި ކުރިމަތިލުމުގެ ބަދަލުހިފުމެއް ކަމަށް ވެދާނެ. އިބްރާމެން ބޭނުން ވަނީ އަޅުގަނޑުމެން ލައްވައި ރައީސް ނަޝިދާ ދިމާލަށް މޮޔައެކޭ ބުނުވުން. އެއީ އިބްރާ ރައީސް ނަޝީދަށް ޖަހާލި ގޮމެއް،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ އިތުރަށް ވިދާޅުވީ އިބްރާ ދެއްކި ވާހަކައަކީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަގު ވައްޓާލަން ދެއްކި ވާހަކެއްކަމަށާއި އެވާހަކަ އެގޮތަށް ދެއްކުމުން އިބްރާގެ މައްޗަށް ސުޕުރީމް ކޯޓުގެ ފަރާތުން ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރޭއެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ބުއްދި ހަމަ ނުޖެހޭ" ކަމަށާއި އެބޭފުޅުންނަށް ގާނޫނު އަސާސީ ދެނެގަތުމުގެ ގާބިލު ކަމެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ މޮޔައިންގެ ގޮތުގައި ސިފަކުރެއްވެވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Wadday (mp3)