22 May 2019, 15:01
ރާމަﷲ (މޭ 21) : ސައޫދީގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ދީނީ ތިން އިލްމުވެރިން ކަމަށްވާ ޝައިޚް ސަލްމާން އަލްޢަވްދާ، ޝައިޚް އަވަޟް އަލްގަރްނީ އަދި ޝައިޚް އަލީ އަލްއުމްރީ އަށް މި ރަމަޟާން މަސް ނިމުމަށްފަހު މަރުގެ އަދަބުދޭން ސައޫދީ ސަރުކާރުން ތައްޔާރުވަމުންދާކަމަށް "މިޑްލް އީސްޓް އައި" އިން ބުނެފި އެވެ.
ނަން ހަމަކުރަން ނޭދޭ ސައޫދީ ސަރުކާރުގެ ދެ ދާއިރާއެއްގެ އިތުރުން އެތިން ބޭފުޅުންގެ އާއިލާތަކާ ވެސް ހަވާލާދީ އެ ވެބްސައިޓް ބުނެފައިވަނީ އެތިން އިލްމުވެރިންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ތުހުމަތާ ގުޅިގެން މަރުގެ ހުކުމް އަންނާނެ ކަމަށް ބެލެވޭތީ އެބޭފުޅުންނަށް މަރުގެ އަދަބުދޭން ސައޫދީ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި ރަމަޟާންމަހަށް ފަހު ލަސްތަކެއްނުވެ އެކަންކުރާނެ ކަމަށް ބެލެވޭކަމުގަ އެވެ.
އެ ތިން އިލްމުވެރިންނަށް މަރުގެ ހުކުމް އިއްވުމާ އެކު ވަރަށް އަވަހަށް އެ ހުކުމް ތަންފީޒު ކުރާނެކަމަށް ސައޫދީ ރަސްމީ ދެ ދާއިރާއަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް "މިޑްލް އީސްޓް އައި" އިން ބުނެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ސައޫދީ ސަލާމަތީ ބާރުތަކުން ޝައިޚް ސަލްމާން އަލްޢަވްދާ، ޝައިޚް އަވަޟް އަލްގަރްނީ އަދި ޝައިޚް އަލީ އަލްއުމްރީ ހައްޔަރުކުރީ ސައޫދީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ހައްޔަރުކުރުމަށް ފަހު އެތިން ބޭފުޅުންގެ މައްޗަށް ސައޫދީ ދައުލަތުން ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގައި ގައުމުގައި ހަމަޖެހުމާއި ސުލްޙަ ނަގާލުމުގެ ދައުވާ އެވެ.
އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަނީ (އޭނާ އަވަހާރަކޮށްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން) ސައޫދީ ސަރުކާރުން ޝައިޚް ސަލްމާން އަލްޢަވްދާއަށް މަރުގެ އަދަބު ދޭނެކަމަށް ލަފާކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
ސައޫދީ ސަރުކާރުން މިދިޔަ އެޕްރީލް މަހުގައި ވެސް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ކަމަށްބުނެ މަރުގެ ހުކުމްކޮށްފައިވާ 37 މީހުންގެ ކަރުބުރިކޮށްގެން އެމީހުންނަށް މަރުގެ އަދަބު ދީފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ސައޫދީ ސަރުކާރަށް ސިޔާސީ ގޮތުން ފާޑުކިޔާ ޝިޔައީ އެކްޓިވިސްޓުންނެވެ. އެ 37 މީހުންނަށް މަރުގެ އަދަބު ދިނުމުން ބައިނަލްއަގްވާމީ މުޖްތަމައުން އެމައްސަލަ އެހާބޮޑަށް ކުށްވެރި ނުކުރުމަކީ ޝައިޚް ސަލްމާން އަލްޢަވްދާ، ޝައިޚް އަވަޟް އަލްގަރްނީ އަދި ޝައިޚް އަލީ އަލްއުމްރީ ފަދަ އިލްމުވެރިންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށާ އަދި އެހުކުމް ތަންފީޒުކުރުމަށް ތައްޔާރުވުމަށް ސައޫދީ އަށް ހިއްވަރު ލިބިގެންދިޔަ ކަމެއްގެ ގޮތުގައި "މިޑްލް އީސްޓް އައި" ގެ ރިޕޯޓްގައި ސިފަކޮށްފައިވެއެވެ. (މިޑްލް އީސްޓް އައި + ނޫސްއެޖެންސީތައް)