އަތްތެރި މަސައްކަތާއި އަތު މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށް "މޯލްޑިސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓީވް ސޮސައިޓީ" ]މެކްސް]ގެ ނަމުގައި ކޯޕަރޭޓިވްއެއް އުފައްދައި އިފުތާހުކޮށްފި އެވެ.

އެ ކޯޕަރޭޝަންގެ ޗެއާޕާސަން އާމިނަތު އަބްދުﷲ މިއަދު ވިދާޅުވީ ސ. މަރަދޫ އިޖުތިމާއީ މަރުކަޒުގައި ރޭ އޮތް "ހުބަސާނަ" ފެސްޓިވަލްގައި އެ ކޯޕަރޭޓިވް އިފްތިތާހުކޮށްދެއްވީ އެކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ކަމަށެވެ.

މެކްސްއަކީ މާލެ އާއި ހާއްސަކޮށް އަތޮޅުތަކުގައި ތިބި އަތު މަސައްކަތް ކުރާ ފަރާތްތައް އުފައްދާ ތަކެއްޗަށް ބާޒާރުހޯދައިދީ އެތަކެތި ތަރައްގީ ކުރުމަށް އުފައްދާފައިވާ ކޯޕަރޭޓިވްއެކެވެ. މި ކޯޕަރޭޓިވްގެ މަގްސަދަކީ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ އަތު މަސައްކަތާއި އަތްތެރި މަސައްކަތް ކުރާފަރާތްތައް ކުރިއަރުވާ ތަރައްގީކުރުމަށްޓަކައި އެހީތެރިވެދިނުމެވެ.

މެކްސްއިން ބުނީ މިސޮސައިޓީ މަސައްކަތް ކުރަމުން ގެންދާނީ ދިވެހި ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ހުރަސްތައް ވަރަށް ރަނގަޅަށް ދެނެގަނެ ދިވެހި އުފެއްދުންތައް ކުރިއަރުވައި ބާޒާރު ހޯދައިދިނުމަށް މިހާރު ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޓިވްގެ އަމާޒަކީ ދިވެހި އުފެއްދުންތައް ތަރައްގީކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މިތަކެއްޗަށް ބާޒާރު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

މެކްސްގެ ބޭނުމަކީ ދިވެހި އުފެއްދުންތައް ރަނގަޅު އަގެއްގައި ފިހާރަތަކުން ލިބެން ހުންނާނޭ ގޮތް ހެދުމާއި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި އުފެއްދުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރާނޭ ގޮތުގެ ތަމްރީނުދިނުމާއި ފަތުރުވެރިކަމުގެ ދާއިރާ އަށް އަސްލު ދިވެހި އުފެއްދުން އެނގޭ ނޭ ފަދަ ކެމްޕޭން ކުރުމާއި ސަރުކާރާ ގުޅިގެން ދިވެހި އުފެއްދުންތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ހިމާޔަތް ކުރުމަށް މަސަތްކަތް މަސައްކަތް ކުރުމެވެ. އަދި ދިވެހި އުފެއްދުމުގެ ނަމުގައި ހަދާފައި ހުންނަތަކެތީގެ ބަދަލުގައި ކަސްޓަމަރުންނަށް އަސްލު ދިވެހި އުފެއްދުން ރަނގަޅު އަގެއްގައި ފޯރުކޮށްދިނުމަކީ ވެސް މެކްސްގެ އަމާޒެކެވެ.

މާލޭގައި ހަރަކާތްތެރިވާ މިސޮސައިޓީ ރަޖިސްޓްރީ ކުރެވިފައި ވަނީ މިފަންނަށް ޝައުގުވެރިކަން ހުރި ތަޖުރިބާކާރު 10 އަންހެނުން އެކުލެވިގެންނެވެ.