22 May 2019, 12:19
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި އެކި ފަރާތްތަކުން ވިޔަފާރި ކުރަމުންދާ މައްސަލާގައި، އެތަނަކީ އާންމުންނަށްވެސް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.
އޭސީސީ އިން މިއަދު ބުނީ ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު އެއްވެސް އުސޫލެއްނެތި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމަށާއި އެ ސަރަހައްދުގައި ހުންނަ ގެސްޓުހައުސްތަކުގެ ކުރިމަތީ އޮންނަ ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އެކަމާމެދު އެޗްޑީސީ އިން އެއްވެސް ފިޔަވަޅެއް ނާޅާ އޮންނަކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.
އެ މައްސަލާގައި ފާހަގަވިކަންތައް އޭސީސީ އިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ހުޅުމާލޭ ބީޗު ސަރަހައްދުން ގޯތި ވިއްކާފައިވަނީ ހަތަރު ފޭސް އަކަށް ބަހާލައިގެން ކަމަށާއި ގޯތި ވިއްކުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ގޯތީގެ މިނުން ބޭރުން އެއްވެސް ތަނަކީ ގޯތީގެ ބައެއްގެ ގޮތުގައި ނުވަތަ ގޯތި ގަންނަ ފަރާތުގެ ހައްގެއް އޮތް ނުވަތަ ބޭނުންކުރެވޭނެކަމަށް އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައެއް ނުވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުޅުމާލެ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރުމަށް އުސޫލެއް ކަނޑައަަޅައި އެތަން ބޭނުން ކުރާ ފަރާތްތަކުގެ އަތުން ކުއްޔެއް ނަގައި، އެތަނުގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތައް ކަނޑައަޅައި އެކަމާ ގުޅުންހުރި ކަރުދާހެއް އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި އެކިފަހަރުމަތިން މަޝްވަރާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. މީގެ އިތުރުން ހުޅުމާލެ އިރުމަތީފަރާތު ބީޗް ސަރަޙައްދު ވަގުތީގޮތުން ކުއްޔަށްދިނުމުގެ އެކުލަވާލާ އެ އުސޫލު އެޗްޑީސީގެ ވެބްސައިޓުގައި 2017 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ކަމަށާއި އެ އުސޫލުގައިވާ ގޮތަށް ބީޗު ބޭނުން ކުރުމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލި ކަމަށް އެޗްޑީސީ އިން މައުލޫމަތު ދިން ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭ ބީޗު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމުގެ ފުރުސަތު އެޗްޑީސީ އިން ދިންކަމަށާއި ފަހުން، ބީޗު ބޭނުންކުމުގެ އުސޫލު އެޗްޑީސީ ގެ ވެބްސައިޓުން ނަގާ އުސޫލަށް އަމަލު ކުރުން ފަސްކޮށްފައިވާ ކަމަށާއި ހުޅުމާލެ، ބީޗް ސަރަހައްދު ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާ ގޮތާ ގުޅިގެން އާންމުންގެ ޝަކުވާ ލިބޭތީ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމުގެ އުސޫލު ރައީސް އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށް އޭސީސީ އަށް އެޗްޑީސީ އިން ބުނެފައިވެއެވެ.
މޫދު ކުޅިވަރު ކުޅުމަށް ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށް ސަރަޙައްދާއި، މޫދު ބޭނުންކުރުމުގެ އުސޫލެއްވެސް 2018 ވަނަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީ އިން އެކުލަވާލާފައިވާ ކަމަށާއި އެ އުސޫލާ އެއްގޮތަށްވެސް ޢަމަލުނުކުރާ ކަމަށް ބުނެފައިވެ އެވެ.
ހުޅުމާލޭ ބީޗް ސަރަޙައްދުގައި ވިޔަފާރިވެރިން މޭޒު ބަހައްޓައިގެން ހިދުމަތް ދޭން ފެށި ދުވަސްވަރު އެކަން ބޮޑުކަމެއްގެ ގޮތުގައި ބަލާފައިނުވަނީ އެގޮތަށް ހިދުމަތްދޭން ފެށުމުން އެ ސަރަޙައްދު ސާފުވެ، ޢާންމުކޮށް މީހުން އުޅޭ ތަނަކަށް ބަދަލުވެ، އެ ސަރަޙައްދަށް ދިރުން ލިބުންފަދަ ފައިދާތައް ފާހަގަކުރެވުމުންކަމަށް އެޗްޑީސީ އިން އޭސީސީ އަށް މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް އެ ސަރަޙައްދުގައި އެއްވެސްކަހަލަ ޢިމާރާތެއްކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު ރޫޅާލާފައިވާނެކަމަށްވެސް އެޗްޑީސީ އިން މައުލޫމާތު ދިން ކަމަށް އޭސީސީ އިން ބުންޏެވެ.
ހުޅުމާލޭ ބީޗް ސަރަޙައްދު ތަރައްގީކުރުމަށް އެޗްޑީސީ އިން ޕްލޭނެއް ގެންގުޅޭ ކަމަށާއި، އެގޮތުން އެ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުން ލަސްވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފެންހޮޅި އަޅަންޖެހެނީ ބީޗް ސަރަޙައްދުން ލާފައި ކަމަށްވެފައި، މިހާރު އެ ސަރަޙައްދު ތަރައްގީކުރަން ފަށައިފިނަމަ، އެ ފެން ހޮޅި އެޅުމަށްޓަކައި ތަން ހުސްކުރަން ޖެހިދާނެކަމަށްޓަކައި، ފެން ހޮޅި އަޅައި ނިމުމުން އެ ސަރަޙައްދު ކޯޕަރޭޝަނުގެ ޕްލޭނާ އެއްގޮތަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށް އެޗްޑީސީ އިން އޭސީސީ އަށް މައުލޫމާތު ދިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުގައި އެއްވެސް ޢިމާރާތެއް ހަދައި ނުވަތަ އެ ސަރަޙައްދު ވިޔަފާރި އުސޫލުން ބޭނުންކުރާ ފަރާތްތަކުން 31 ޖަނަވަރީ 2019ގެ ނިޔަލަށް އެ ސަރަޙައްދު ހުސްކުރުމަށާއި، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކުރަމުންދާ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމަށާއި، އެގޮތަށް ހަދާފައިހުރި ތަންތަން ނެގުމަށް އަންގާފައިވާ ކަމަށާއި އެ އިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމާއި، އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް އެކުލަވާލި ނަމަވެސް އެޕްލޭނަށް އަމަލުކުރަން ފެށުމުގެ ކުރިން، ސަރުކާރުގެ ލަފަޔާއެކު މިވަގުތު އޭގެތެރެއިން އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުމަށް އެކުންފުނިން ނިންމާފައިވާކަމަށް އެޗްޑީސީ އިން މައުލޫމާތު ދިންކަމަށް އޭސީސީ އިން ބުންޏެވެ.
ވަކި ޝަރުތުތަކާއެކު އެސަރަހައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދައެއް ދިނުމަށާއި، އެގޮތުން އެ ކޯޕަރޭޝަނުން ގާއިމްކުރާ ފެނުގެ ވިއުގަ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށް އެޗްޑީސީ އިން ނިންމި ކަމަށް ވެސް ބުންޏެވެ. އަދި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް އެ ކޯޕަރޭޝަނުން ދީފައި ނުވާނެކަމާއި، ނަމަވެސް އެ ކޯޕަރޭޝަނުގެ ހުއްދައާއި ނުލައި ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާކަން އެޗްޑީސީ އަށް ފާހަގަވެފައިވާކަން އެ ކުންފުނިން އޭސީސީ އަށް މައުލޫމާތު ދިން ކަމަށް އޭސީސީ އިން ބުންޏެވެ
ފެނުގެ ވިއުގަ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށްކަމަށް ވާއިރު، އެ ފެނުގަ ވިއުގަ ގާއިމްކުރަނީ ކޮން ތާރީހަކު ކަމެއް އެނގެން ނެތްކަމަށާއި އެކަން ފެށުމަށް ނަގާނެ މުއްދަތެއް ވެސް އެނގެން ނެތް ކަމަށް އޭސީސީ އިން ފާހަގަކޮށްފައި ވެއެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ހިމެނޭ ސަރަހައްދުގައި އެއްވެސް އިމާރާތެއް ހަދައި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރަމުންދާނަމަ، އެކަން 31 ޖަނަވަރީ 2019 ގެ ނިޔަލަށް އެ ސަރަހައްދު ހުސްކުރުމަށް އެންގުމުން، ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމާއި، އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަށާއި، އެންގުމާ އެއްގޮތަށް ޢަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ޒިންމާދާރުގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް ފާހަގަކުރެވުނު ކަން އޭސީސީ އިން ބުންޏެވެ.
ހުޅުމާލޭ ބީޗް ސަރަޙައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެޗްޑީސީ އިން ބަލާނެ ޝަރުތުތަކުގެ ގޮތުގައި ހަ ކަމެއް ހިމަނާފައިވާއިރު މިހާރުވެސް ގިނަތަންތަން ބޭނުންކުރަމުންގެންދަނީ އެޗްޑީސީ އިން ކަނޑައަޅާފައިވާ މި ޝަރުތުތަކާ ހިލާފަށްކަން ފާހަގަކުރެވޭއިރު އެކަންތަކާ ގުޅޭގޮތުން އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
އޭސީސީ އަށް ފާހަގަ ކުރެވުނު ކަންކަމާއެކު އެޗްޑީސީ އިން އަމަލު ކުރަންވީގޮތުގެ ލަފާ އޭސީސީ އިން ވަނީ އެޗްޑީސީ އަށް ދީފައެވެ. އެގޮތުން ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީ އިން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުންކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާކަމެއް ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.
އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުއްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ އިންސާފުވެރިގޮތެއް ނޫންކަމާއި، އަދި ކުއްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުއްޔަށް ދިނުމަށާއި، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް އެޗްޑީސީ އަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.
ޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުސޫލެއް އެކުލަވާލާ، އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ ލަފާދީފައެވެ. އެ އުސޫލު އެކުލަވާލަން ވާނީ، ބީޗް ސަރަޙައްދަކީ އާންމުން ބޭނުންކުރާ ތަނެއްކަމަށް ދެކި، ޢާންމުންނަށްވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް ކަމަށްވެސް އޭސީސީ އިން ވަނީ ލަފާކޮށްފިއެވެ.
ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުހުމަތު ކޮށްފައިވާތީ، އެކަން ބަލައި ފިޔަވަޅު އެޅުމަށް އެޗްޑީސީ އަށް ވަނީ އަންގައިފައެވެ.