"އަހަންނަށް މި އަޑު އިވޭ ވާހަކަތަކީ ދުވަހަކު ވެސް ޚިޔާލަށް ވެސް އައި ކަންކަމެއް ނޫން." ޒުމުއްރުދާ ބުންޏެވެ.

*****

"ލޯބިވާ ކުޑަ ދަރިފުޅުގެ ހާލު ކިހިނެއް؟" ގާޒީ ޞަފިއްޔުދީނުގެ އޭނާގެ ދަރިކަނބަލުންގެ ގާތުގައި އެއްސެވިއެވެ.

"ހުރިހާ ޙާލެއްގައި ވެސް ޙަމްދު ހުރީ ﷲ އަށް. އަހަރެމެންނަށް ދިމާވާ ކުދި ކަންކަމަށް ވުރެ އެއިލާހުގެ ނިޢުމަތްތައް މާ ގިނަ." ސަލްމާ ޖަވާބު ދިނެވެ.

"ދަރިފުޅުގެ އަޑާއި އަންދާޒުގައި ވަނީ ހިތާމައިގެ އަސަރު! ކިހިނެއް ވީ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ޒުމުއްރުދާގެ ޙާލާ މެދު ވިސްނާލާ ކޮންމެ ފަހަރަކު ހިތްދަތި ވޭ." ސަލްމާ ބުންޏެވެ.

"އޭނާގެ ފިރިމީހާ އަދި އޭނާގެ ބޮޑުބޭބެގެ ދަރިފުޅު އޭނާގެ ބައްޕަގެ ގާތިލަކީ. އެއީ ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބޭނެ ކަމެއް." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އޭގެ ސަބަބަކީ ދެ އަތްނބަށް މީހަކާ އިނުމަށް ގަބޫލުވިކަން." ސަލްމާ ބުންޏެވެ.

"އެކަމާ މިކަމާ އޮތް ގުޅުމަކީ ކޮބާ؟" ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އަނެއް އަނބިމީހާގެ އަވައިގައި ޖެހިގެން އެކަން އެ ކުރީ." ސަލްމާ ބުންޏެވެ.

"މިހެން ހިނގާ ވަކި ހާދިސާއަކުން ކަމެއްގެ މައްޗަކަށް އާއްމު ހުކުމެއް ނުކުރެވޭނެ ދަރިފުޅާ." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ނޫން. ބައްޕާ! ކޮންމެ އަންހެނަކު ވެސް އޭނާގެ ފިރިމީހާގެ އަނެއް އަނބިމީހާއާ މެދު ހަސަދަވެރި ވާނެ. އަދި އޭނައާ ދެކޮޅަށް ރޭވުންތައް ރާވާނެ. ހާއްސަކޮށް ފުރަތަމަ އަނބިމީހާ ދެކޭނީ ދެން އަންނަ އަނބީންނަކީ އޭނާގެ ފިރިމީހާ އޭނާގެ ކިބައިން ފޭރިގަތް ބައެއްގެ ގޮތުގައި." ސަލްމާ ބުންޏެވެ.

"ދަރިފުޅާ! ތިޔައީ އަންހެނުންގެ ތެރެއިން ބައެއް މީހުންނާއި ބައެއް ފިރިހެނުން ގެންގުޅޭ ގޯސް ވިސްނުމެއް. އެއީ ގެއްލުމެއް ނަމަ، ﷲ ސުބުހާނަހޫ ވަތަޢާލާ އެކަން ހުއްދައެއް ނުކުރެއްވީސް. އެއީ ހުއްދަވެގެންވާ، އަދި އެކަމުގައި ފުރިހަމަވާން ޖެހޭ ޝަރުޠުތަކެއް ހުރި ކަމެއް. އެކި މީހުންގެ ޙާލަތު ތަފާތު ވާނެ. ފިރިހެން މީހާއަށް އެނގޭނީ އޭނާގެ ޙަޔާތަށް ބޭނުން ވަނީ އެއްމެ އަތްނބެއް ތޯ ނުވަތަ ނޫންތޯ! ތަގުވާވެރިކަން ހުރެއްޖެ ނަމަ، ދެ އަނބީންނަށް ހަމަޖެހިގެން އުޅެވޭނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ހަމަޖެހިގެން އުޅެވޭނެޔޭ ތޯ؟ ދެ އަނބީންނަށް މައްސަލަ ނުޖެހި އުޅެވޭނެ ތޯ؟" ސަލްމާ އެހިއެވެ.

"ޝައްކާއި ވަހުމަކީ މައްސަލަތަކުގެ ބިންގާ. އެ ކަންކަމާ ދުރުވެ ﷲ ގެ ރުއްސެވުން އެކަނި އެދިގެން އުޅޭ ނަމަ، ޚިޔާލު ތަފާތު ވިޔަސް އެކުގައި އެކުވެރިކަމާ އެކު އުޅެވޭނެ. ކޮންމެ މުސްލިމު ފިރިހެނަކާއި ކޮންމެ މުސްލިމު އަންހެނަކު އެއިން އިބްރަތް ލިބިގަންނާން ޖެހޭ ވާހަކައެއް ކިޔައި ދޭނަން." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

- ނުނިމޭ -