22 May 2019, 14:16
ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 25 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
އެޗްޑީއެފްސީގެ 15 ވަނަ އަހަރީ އާންމު ޖަލްސާ މިދިޔަހޮނިހިރު ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލް ގައި ވަނީ ބާއްވައިފައެވެ.
އެޗްޑީއެފްސީއަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 98.9 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެޗްޑީއެފްސީން ނިންމީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 25 ރުފިޔާ ބެހުމަށެވެ. އެއީ ފައިދާގެ 40 ޕަސެބްޓެވެ.
މީގެ އިތުރުން އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް އެންޑް ކޫޕާސް ވަނީ ހަމަޖައްސައިފައެވެ.
އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.
އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.
އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.