22 May 2019, 11:44
މާޗުމަސް ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނޫނީ، ޔޫޒަބަލް ރިޒާވް 251 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމު ކުރި މާލީ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ހުރީ 317.9 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ފެބުރުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް ވަނީ 295.3 މިލިއަނަށް ދަށްވެފަ އެވެ. އިއްޔެ އެ މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާޗު މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ހުރީ 251.8 މިލިއަން ޑޮލަރުގަ އެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު މާޗުމަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް ވަނީ 776 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވް ހުރީ 938 މިލިއަން ޑޮލަރުގަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ ރިޒާވް ދަށްވެފައިވަނީ ކަރަންސީ ސްވޮޕްގެ ގޮތުގައި އިންޑިއާ އަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 100 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
ވެރިކަމުގެ ދައުރު ނިމޭއިރު ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެެ.