ރާއްޖޭގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރެއް ލިބިފައި ނުވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މިއަދު ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި ފުލުހުންނާއި ސިފައިން އެކަމާ ގުޅިގެން އެލާޓުގައި ތިބި ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، ސިފައިން ހަތިޔާރާއެކު މަގުތަކަށް ނުކުމެގެން އުޅުނީ ހިންގަމުންދާ ތަމްރީނުތަކަކަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަދި ފުލުހުންވެސް މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންނާ ސިފައިން ގުޅިގެން މިހާރު ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ އެއްވެސް ނުރައްކަލެއްގެ އިންޒާރެއް ލިބިގެން ހިންގަމުންދާ ފަރިތަކުރުންތަކެއް ނޫން ކަމަށެވެ. އަދި އެއީ ކުއްލި ހާލަތެއްގައި މުއްސަސާތައް ގުޅިގެން މަސައްކަތް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން އެދިފައި ވަނީ މީސް މީޑިއާގައި ކަށަވަރު ނޫން މައުލޫމާތު ނުފެތުރުުމަށެވެ.

"އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރު ނުވާ ތެދު ނޫން މައުލޫމާތު މީސް މީޑިއާގައި ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.