22 Oct 2011, 16:45
މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން އެންދިރިމާގޭ ކައިރިއަށް ގޮސް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށް ނިމި، ގެޔަށް ވަޑައިގެންނެވިތާ ގަޑިއެއްހާ އިރު ނުވަނީސް އަނެއްކާ ވެސް ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން އޭނާ އަށް އަންގަވައިފި އެވެ.
ޣައްސާންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިއަދު ވިދާޅުވީ އިތުރު ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ޣައްސާނަށް އެންގެވީ ޣައްސާނަށް ފޯންކުރެއްވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެއްވެސް ޗިޓެއް ޣައްސާނަށް ފުލުސް އޮފީހުން ފޮނުވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ގެއަށް އައި ފަހުން ފުލުހުން ޣައްސާނަށް ފޯނުކޮށްފައި އެންގީ އަދި އިތުރު ސުވާލުކުރަން ބޭނުންވާ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުން ޣައްސާނަށް ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ވަޑައިގަތުމަށް އެންގެވީ ހޯމް މިނިސްޓަރު ހަސަން އަފީފްގެ އޯޑަރަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ ޣައްސާން ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ވަޑައިގަތުމަށް ދެންނެވި ކަމަށާއި އެގޮތަށް އެންގެވީ ތަހުގީހަށް ބޭނުންވާ އިތުރު މައުލޫމާތު ހޯއްދެވުމަށް ކަމަށެވެ.
ޣައްސާނާ ސުވާލުކުރައްވައި ގެއަށް ވަޑައިގަތްތާ ގަޑިއިރު ނުވަނީސް ދެ ވަނަ ފަހަރަށް ވަޑައިގަތުމަށް އެންގެވީ ހޯމް މިނިސްޓަރު ހަސަން އަފީފުގެ އެންގެވުމަކަށްތޯ ދެންނެވުމުން ޝިޔާމު ވިދާޅުވީ އެހެން ނޫން ކަމަށާއި އެކަން ނިންމާނީ ތަހުގީގު ކުރާ ޓީމުން ކަމަށެވެ.
ފުލުހުން ޣައްސާން މައުމޫން ހާޒިރުކޮށް ކުރިމަތިކުރި ސުވާލުތަކާ ބެހޭ ގޮތުން ޣައްސާން ވިދާޅުވީ ފުލުހުން އޭނާ ހާޒިރު ކުރީ އެންދެރިމާގޭ ކައިރީގައި އެމްޑީޕީން ހިންގި މުޒާހަރާއާ ގުޅިގެން ބައެއް ކަންކަން ސާފުކުރެއްވުމަށް ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުން ކުރެއްވި ބައެއް ސުވާލުތަކުން ފުލުހުން އޭނާ އަށް ތުހުމަތެއް ކުރައްވާކަމަށް ހީވާތީ ފުލުހުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވާ ހަނު ހުރުމުގެ ހައްގު ބޭނުން ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު މުސްތަފާގެ ސާބިތު ދަރަންޏެއްގެ މައްސަލައެއް ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައި ވަނިކޮށް، އަދި އެގަޑި އަށް އެމްޑީޕީގެ ލީޑަޝިޕުން އޮގަނައިޒުކޮށްގެން ސުޕްރީމް ކޯޓްގެ ބޭރުގައި ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާ އަށް ފަހު، މުޒާހަރާގެ ބައިވެރިން މާފަންނު އެންދެރިމާގެ ކައިރިއަށް ގޮސް ވަނީ ކަންތައްގަނޑެއް ހިންގައިފަ އެވެ.