21 May 2019, 23:54
"ތިންވަނަ މީހަކީ ކާކު ތޯ؟
"ތިންވަނަ މީހާއަކީ ފިރިހެނެއް ނޫން. އެއީ އަންހެނެއް. އޭނާއަށް ކިޔަނީ ސުންދުސް. އެއީ ޝިހާބުގެ އަނބިމީހާ." ޟިޔާއުއްދީން ބުންޏެވެ.
"ނޫން. ޝިހާބުގެ އަނބިމީހާއަށް ކިޔަނީ ޒުމުއްރުދާ!" މުފްތާޙު ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ އޭނާ އުޅެނީ ދެ މީހުންނާ ކައިވެނިކޮށްގެން ހެން. ޒުމުއްރުދާ އާއި ސުންދުސްއާ." ޟިޔާއުއްދީން ބުންޏެވެ.
"ތިޔަ ދިނީ ވަރަށް މުހިއްމު މައުލޫމާތުތަކެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ!" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
*****
"ތިބާ ވަރަށް ގިނަ ދުވަސްވެއްޖެ ތަ، ޝިހާބާއި ސުންދުސްގެ ގާތުގައި މަސައްކަތް ކުރާތާ؟" ޝިހާބުމެންގެ ގޭގެ ޚާދިމާއާ މުފްތާޙު ސުވާލު ކުރެއްވިއެވެ.
"އެމީހުން ކައިވެނި ކުރީއްސުރެ އަޅުގަނޑު މި އުޅެނީ އެމީހުންގެ ޚިދުމަތުގައި. ސާހިބާ!" ޚާދިމާ ޖަވާބު ދިނެވެ.
"އެންމެ ރަނގަޅު. ކޮން ނަމެއް ކިޔަނީ؟"
"ނަޖާތު. އަޅުގަނޑުގެ ނަމަކީ ނަޖާތު." ޚާދިމާ ނަޖާތު ޖަވާބު ދިނެވެ.
"ނަޖާތު! މިއަދު އަހަރެމެން މި ދެއްކި ވާހަކަތަކަކީ ޢަދާލަތުގެ ސިއްރެއް. އެހެންވީމާ މި ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ކޮށްގެންނެއް ނުވާނެ." މުފްތާޙު ވިދާޅުވިއެވެ.
"ވިދާޅުވި ގޮތެއް. މަނިކުފާނު ވިދާޅުވި ފަދައިން މިކަމުން ޢަދުލު އިންޞާފަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ދެވެންޏާ އަޅުގަނޑުގެ ކަންބޮޑުވުމެއް ނެތް. އެކަމަކު އަހަރެން ބިރުވެސް އެބަ ގަނޭ." ނަޖާތު ބުންޏެވެ.
"އެއްވެސް ކަމަކާ ބިރު ނުގަނޭ! އަހަރެމެން ބިރުވެތިވާން ޖެހޭނީ ހަމައެކަނި ﷲ އަށް. ހެކި ފޮރުވާ މީހާއަކީ ވަރަށް ބޮޑު ކުށަކަށް އަރައިގަންނަ މީހެއް." މުފްތާޙު ވިދާޅުވިއެވެ.
*****
"އެންމެ ފުރަތަމަ ހެތްކަށް ގޮވާ!" ގާޒީ ވިދާޅުވިއެވެ.
"އަތަރުވިއްކާ ޟިޔާއުއްދީން!" ޙާޖިބު ޒަޣްލޫލު ގޮވައިލިއެވެ.
"ހާޒިރުވެ އެބަ ހުރިން! ސާހިބާ!" ޟިޔާއުއްދީން ބުންޏެވެ.
"މިއިންނެވި އަލްފާޟިލާ ސުންދުސް ދަންނަން ތަ؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"އާދެ! ސާހިބާ! އޭނާ އަޅުގަނޑުގެ އަތުން ވަރަށް ނާދިރު ވިހަ ފުޅިއެއް މީގެ ދެ ހަފްތާ ދުވަސް ކުރީން ގަތް." ޟިޔާއުއްދީން ބުންޏެވެ.
"އޭނާ އެ ހަދަނީ ދޮގު. އަހަރެން މި މީހާއެއް ނުދަންނަން." ސުންދުސް ބުންޏެވެ.
"ދެން ދެވަނަ ހެތްކަށް ގޮވާ!" ގާޒީ ވިދާޅުވިއެވެ.
"ނަޖާތު މަޙްމޫދު! އަލްފާޟިލާ ސުންދުސްގެ ޚާދިމާ!" ޙާޖިބު ޒަޣްލޫލު ގޮވައިލިއެވެ.
"މި ފުޅި ކަހަލަ ފުޅިއެއް މީގެ ކުރީން ދުށީމު ތަ؟" ފުޅިއެއް ދައްކަވައިލައްވަމުން ގާޒީ ވިދާޅުވިއެވެ.
"އާދެ. ތިޔަ ކަހަލަ ފުޅިއެއް އަޅުގަނޑުގެ ސާހިބާ ސުންދުސްގެ ކޮޓަރީން ދުށިން." ނަޖާތު ޖަވާބު ދިނެވެ.
"އަނގަ މަޑުން ލައިގެން ހުރޭ!" ސުންދުސް ހަޅޭއް ލަވައިގަތެވެ.
"އެއްވެސް މީހަކަށް ހުއްދަ ނެތި ވާހަކައެއް ނުދެއްކޭނެ. އޭ ނަޖާތު! ވާހަކަ ފުރިހަމަ ކުރޭ!" ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ދިޔައީ ކޮޓަރި ސާފު ކުރަމުން. ދެން އެ ފުޅި އަޅުގަނޑަށް ފެނުނު. އަދި އަޅުގަނޑު އެ ނެގި ތަނާ، ސާހިބާ އަޅުގަނޑުގެ އަތުން އެ ފުޅި އަތުލެއްވި. އަދި ވިދާޅުވި ޚަބަރުދާރޭ! ދެން އެ ފުޅީގައި އަތް ނުލައްޗޭ." ނަޖާތު ބުންޏެވެ.
"އަހަރެން ނުމަރަން. ހުވާ ކޮށްފައި ބުނަން. ގާތިލަކީ އަހަންނެއް ނޫން. އަހަރެން އެ ފުޅި ގެނެސް ދިނީ ޝިހާބުގެ އަތަށް." ސުންދުސް ވާހަކަ ދައްކާން ފެށިއެވެ.
"އަހަރެންނޭ. އަހަރެން އޭނާގެ އަތުން އެއްވެސް އެއްޗެއް ނުހޯދަން." ޝިހާބު ބުންޏެވެ.
"ނޫން. އަހަރެންގެ އަތުން ކަލޭ ވިހަ ގެންދިޔަ. އަދި އޭނާ މަރާލި. ކަލޭގެ ތިޔަ ބަފައިބެ އަދި ބޮޑުބޭބެގެ ގެޔަށް އަހަރެންގެ މުޅި ހަޔާތުގައި ވެސް ނުވަންނަން." ސުންދުން ބުންޏެވެ.
"އެއީ ރަނގަޅު ވާހަކައެއް. އޭނާ ދުވަހަކު ވެސް އަޅުގަނޑުމެންގެ ގެޔަށް ނުވަދޭ." ޒުމުއްރުދާ ބުންޏެވެ.
"ޝިހާބު! އެންމެ ރަނގަޅު ގޮތަކީ ޖުރުމަށް އިއުތިރާފު ވުން." ގާޒީ ވިދާޅުވިއެވެ.
"އަހަރެން... އަހަރެން... އެއީ ސުންދުސްގެ ޚިޔާލު. އެ ހުރިހާ ކަމެއް ތަދުބީރު ކުރި މީހަކީ އޭނާ. އެއީ ބޮޑުބޭބެގެ މުދާ އަހަރެންނަށް ވާރުތަ ވާނެ ގޮތް ހެދުމަށް ޓަކައި. އަދި މިހާރަށް ވުރެ ރަނގަޅު ޙަޔާތެއް ހޯދުމަށް. ހުވާ ކޮށްފައި ބުނަން. ހަގީގަތަކީ މިއީ." ޝިހާބު ބުންޏެވެ.
"އެހެންވީމާ ކަލޭގެ ބޮޑުބޭބެ އަދި ބަފައިބެ ޔާގޫތުގެ ގާތިލަކީ ކަލޭ." ގާޒީ ވިދާޅުވިއެވެ.
"އާދެ. އެކަމަކު އަޅުގަނޑަކީ ގަތުލުގެ ކަންކަން ތަންފީޒު ކުރުމުގައި ބޭނުން ކުރެވުނު ކުޑަކުޑަ ވަސީލަތެއް. ތަދުބީރު ކުރުމާއި ރޭވުމުގެ މޭސްތެރިއަކީ ސުންދުސް." ޝިހާބު ބުންޏެވެ.
"އަހަންނަށް މި އަޑު އިވޭ ވާހަކަތަކީ ދުވަހަކު ވެސް ޚިޔާލަށް ވެސް އައި ކަންކަމެއް ނޫން." ޒުމުއްރުދާ ބުންޏެވެ.
- ނުނިމޭ -