އިއްޔެ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި ފިހުނު އެކަކު އިތުރު ފަރުވާދޭން ބޭރަށް ގެންދަން ނިންމައިފިއެވެ.

އެމްޓީސީސީގައި މަސައްކަތްކުރާ 39 އަހަރުގެ އަލީ އިމްރާންގެ ހަށިގަނޑުގެ 30 ޕަސެންް އެ ހާދިސާގައި ވަނީ ފިހިފައެވެ.

އިމްރާންއަށް މިހާރު ފަރުވާ ދެމުންދަނި އޭޑީކޭ ހޮސްޕިޓަލްގައެވެ.

އިމްރާންގެ އާއިލާގެ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާގައި އޭނާގެ މޫނާއި ބަނޑާއި އަދި ދެއަތް ފިހިފައިވާ ކަމަށެވެ.

"މިހާރުވެސް އޮޕަރޭޝަނެއް ކުރަމުންދަނީ،. އޭނާގެ އަތުގެ ދުޅަބޮޑުވެފަ ހުރީމަ. ބޭރަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުން" އާއިލާގެ މީހާ ކިޔައިދިނެވެ.

ހުޅުމާލޭ ލަކުނޑި ޖެޓީގައި އޮތް އެމްޓީސީސީގެ "އެކްސްޕްރެސް1" ލޯންޗްގައި އެއްޗެއް ގޮވީ، ޕެޓްރޯލް ޕަމްޕް ސުވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި އޭގެ ބެޓްރީ ގޮވައިގެން ކަމަށެވެ. ތިން މީހަކަށް އެކި ވަރުގެ އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.