22 May 2019, 10:24
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އައްޑޫގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ނިއުބޯން އިންކިޔުބޭޓަރެއް ނެތިގެން ތުއްތު ކުއްޖާ މާލެ ގެންނަން ޖެހުމުގެ ނަތީޖާއަކަށްވީ، އެ ކުއްޖާ ނިޔާވެ އާއިލާ ފުން ހިތާމައަކަށް ވެއްޓުމެވެ. އެއާ އެކު، ރައްޔިތުން ސަލާމް ޖަހަން ނިކުތީ އެ ރަށުގެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ހޯދާށެވެ.
އިންކިޔުބޭޓަރު ގަންނަން ލިބޭ އަގާއެކު އައްޑޫ ރައްޔިތުން ބާރަށް ދައްކާ ވާހަކައަކީ، އެ ތުއްތު ކުއްޖާ އަށް ދޭންޖެހޭ ފަރުވާ ދިނުން ލަސްނުވި ނަމަ ކުއްޖާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެންމެންގެ ޝަކުވާ އަކީ މާލެ ނަގާފައި ދެން އެންމެ ބޮޑު ސިޓީގެ ސިއްހީ ހާލަތު މިވަރުގައި އޮތް އިރު، ދެން އެހެން ސަރަހައްދުތަކުގެ ސިއްހީ ހާލަތަކީ ކޮބައި ހެއްޔެވެ؟ މިއީ ވަކި ސަރުކާރެއް ނެތި އެންމެން ވެސް އުފައްދާ ސުވާލެކެވެ.
ހިތަދޫ ރީޖަނަލްް ހޮސްޕިޓަަލްގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރު އަލީ މޫސާ ވިދާޅުވި ގޮތުގައި، ހޮސްޕިޓަަލުތައް ގިންތިކޮށްފައިވާ ސްޓޭންޑަޑަށް ބަލާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭ ކަމަށެވެ.
"ޑޮކްޓަރުންގެ އިތުރުން ޓެސްޓުތައްވެސް ބަރާބަރަށް ހެދޭނެ،" ބޭބީ އިންކިޔުބޭޓަރެއް ނެތިގެން ތުއްތު ކުއްޖަކު މާލެ ފޮނުވައިލަން ޖެހުނު އިރު، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ. އަލީ މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ނެތީ ހަމައެކަނި ބޭބީ އިންކިޔުބޭޓަރެއް ކަމަށެވެ. "އެހެން ހިދުމަތްތައް ފުރިހަމަވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް --- ފައިލް ފޮޓޯ
މިކަމާ ގުޅިގެން ހިޔާލު ފާޅުކުރި ގިނަ މީހުން ބުނަނީ މުހިއްމީ ކުއްޖާ ނިޔާވި ތަން ނޫން ކަމަށާއި އެ ހާދިސާއިން ދައްކައި ދެނީ އެ ކުއްޖާ މަރުވީ ރާއްޖޭގައި ނޫން ކަމަށެވެ. އަދި އެކަމުން ދޭހަކޮށްދެނީ ސިއްހީ ނިޒާމް އޮތް ދަށުފެންވަރުކަން އެންމެން ވެސް ގަބޫލު ކުރެ އެވެ.
"ބޮލުގައި ރިއްސިޔަސް މާލެ، (ބޭނުންވަނީ) އިންޖެކްޝަނެއް ޖަހަންވިޔަސް މާލެ ނައިސް ރަށުން/ އަތޮޅުން ފަރުވާ ލިބޭނެ ނިޒާމެއް،" އައްޑޫ ރައްޔިތެއް ކަމަށްވާ، ހަސަން ޖަމީލް އޭނާގެ ހިޔާލު ޓްވިޓާގައި ބަންޑުން ކުރި އެވެ.
ރަށުގައި ޑޮކްޓަރު ހުރިނަމަ ހިދުމަތްދޭނެ ވަސީލަތްތަކާއި ބޭސް އަދި ޓެސްޓުތައް ހެދޭނެ އިންތިޒާމު ނުހުންނަ ވާހަކަ އަކީ އަބަދުވެސް އިވޭ، އެކަމަށް އެކަށީގެންވާ ހައްލު ނުލިބި އޮންނަ ޝަކުވާތަކެކެވެ. ބޭސް ގަންނަން ކައިރީ އޮންނަ ރަށަކަށް ދާންޖެހޭ ޝަކުވާ އާއި ލޭގެ ޓެސްޓެއް ހެދެން ނެތިގެން މާލެ އަންނަން ޖެހޭކަމުގެ ޝަކުވާތައް ބޮޑު ވުމަކީ ސިއްހީ ނިޒާމު ބަލި އެނދުން ނަގަން އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތެއް ނުކުރާ ކަމުގެ ހެއްކެކެވެ.
ހުޅުމާލެ އަކީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ އަވަށެކެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހިންގާ މަތީފަންތީގެ ހޮސްޕިޓަލެއް ހުރިނަމަވެސް، އެ ހޮސްޕިޓަލަކީ އާންމު ރައްޔިތުންނަށް އަތްފޯރާފަށުގައި ހިދުމަތް ލިބިގަނެވޭނެ ތަނަކަށް ނުވެ އެވެ. ހުޅުމާލޭގައި ސަރުކާރުން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުގެ ހާލަތު ދަށްކަމުގެ ވާހަކައަކީވެސް ދައްކައި ކޮޅުންލާވެ ވާހަކައެއް ނޫނެވެ. އާސަންދައިގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުގައި އައިސީޔޫ އެއް ނެތެވެ. ސީޓީ ސްކޭނަށް ހާއްސަ ކޮޓަރިއެއް ހުރިނަމަވެސް، އެ ހިދުމަތް ދޭން ފެށޭނީ ކޮންދުވަހަކުން ކަމެއް ނޭނގެ އެވެ. ލޭގެ ޓެސްޓުތަކުގެ ތެރެއިން އާންމުކޮށް ހަދަންޖެހޭ ބައެއް ޓެސްޓުތައް އެ ހޮސްޕިޓަލުން ހެދޭނެ ވަސީލަތް ނުހުންނާތީ ޖެހެނީ މާލެ ދާށެވެ.
އަތޮޅު ތެރޭގައި ހުރި އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުންދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ނުވުމުގެ ޝަކުވާ އާއި ޑޮކްޓަރުން ނުތިބުމުގެ ޝަކުވާ އަކީ ވެސް ޒަމާންވީ، ނިމުމެއް ނެތް ޝަކުވާއެކެވެ. ކޮންމެ އަތޮޅަކު ހުންނަ އަތޮޅު ހޮސްޕިޓަލު ނުވަތަ ރީޖަނަލް ހޮސްޕިޓަލުން ލިބެންޖެހޭ ފަރުވާ ނުލިބޭތީ އެތައް ހަރަދެއްކޮށްފައި މާލެ އަންނަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ އިތުރު ނިކަމެތި ކަމަކަށް އޮންނަނީވެފަ އެވެ.
ސިއްހީ ހިދުމަތްފަދަ އަސާދީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްނުދީ، ރަށުގައި ކުޅިވަރު އެކުވެނިތައް އަޅައި، ފުޓްސެލް ދަނޑުތައް ގާއިމް ކުރުމަކީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުން ނޫންކަމަށް ރައްޔިތުން ބުނާ ސުވާލުތައް ވެސް އެނބުރެ އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް---ފޮޓޯ: ފޭސްބުކް
"އެއް ހަފްތާ އެކްސްރޭ ނެގިއްޖެއްޔާ އަނެއް ހަފްތާ ހިދުމަތެއް ނުލިބޭ. ހަމައެކަނި މެޝިންތަކެއް ގެނެސް ބެހެއްޓުމަކުން ނުވޭ. ހިދުމަތްވެސް ދެމެހެއްޓެނިވި ގޮތެއްގައި ދޭންޖެހޭނެ،" ދެކުނު ރަށެއްގެ މީހަކު ހިޔާލު ފާޅުކުރި އެވެ. ރަށްރަށުގައި ތިބޭ ފެންވަރު ރަނގަޅު ޑޮކްޓަރުން މާލެ ބަދަލު ކުރުމާއި، ގިނަ ދުވަސްތަކެއް ނުވަނީސް އެހެން ހޮސްޕިޓަލުތަކަށް ބަދަލު ކުރާކަމަށްބުނެ ކުރާ ޝަކުވާގެ އަޑުވެސް ދޭތެރެ ދޭތެރެއިން އިވެއެވެ.
އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް މިފަދަ ހާލަތެއްގައި އޮތްއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ހިދުމަތުގެ ފެންވަރު ދަށްކަމުގެ އަޑުވެސް އަނެއްކާ މިވަނީ ގަދަވެފަ އެވެ. އެ ހޮސްޕިޓަލުގެ އެމަޖެންސީ ގައި ހުންނަ އެއާކޮންޑިޝަންތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާއިރު، ބަލި މީހުންނަށް ތިބެން އުނދަގޫވާވަރަށް ހޫނު ގަދަވުމުގެ ޝަކުވާ އާއި ހޮސްޕިޓަލުގެ ސާފުތާހިރުކަން ދަށްކަމުގެ ޝަކުވާ ވެސް ބޮޑެވެ. އެކަމަކު އެތަނުގެ ހިދުމަތް ދަށްވާ ކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ގަބޫލެއް ނުކުރެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސިއްހީ ނިޒާމާމެދު ރައްޔިތުން ކަންބޮޑުވެފައިވަނިކޮށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި ހަ މަސް ތެރޭގައި ރައްޔިތުން އުއްމީދުކުރާ މިންވަރަށް ކަންތައްތައް ގޮސްފައިނުވާކަމަށް ގަބޫލު ކުރެވޭނަމަ އެއީ ކުއްލި ކުއްލިއަށް ކަންތައް ހައްލު ކުރަން މަސައްކަތް ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. މި ސަރުކާރުން ކަންކަން ކުރާނީ ފަރުވާ ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވެ އެވެ.
"އުދާސްތަަކުގެ ތެރޭގައި ކުއްލިއަކަށް ހައްލު ހޯދަން މަސައްކަތްކޮށްފިނަމަ ދާއިމީކޮށް، ހަރުދަނާ ނިޒާމެއްގެ ގޮތުގައި ސިއްހީ ނިޒާމު ބަދަލުވެގެންނެއް ނުދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަގޮތުން، ކޮންމެ ރަށެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހިންގުމަކީ ސަރުކާރަށް ބުރައަކަށް ވެދާނެ އެވެ. އެކަމަށް ހައްލެއްގެ ގޮތުން ރާއްޖެ އެކި ސަރަހައްދުތަކަށް ބަހާލާ ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަލު ކުރުމަކީ ސިއްހީ ދާއިރާ ބަލިއެނދުން ނެގުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
"އެކަށީގެންވާ ސިއްހީ ފަރުވާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ ހުރިހާ ސަރުކާރަކަށްވެސް ދިމާވާ ޗެލެންޖެއް. 190 ރަށުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދެވޭނީ ކިހިނެއް؟ ކުޑަ ރަށްރަށުގައި 200 މީހުން އުޅެގެން ދުވަހަކުވެސް ތަރައްގީއެއް ނުގެނެވޭނެ،" އެއްފަސްކުރުމަކީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅެެއްކަމަށް ސިއްހީ ދާއިރާގެ މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން ދާކަމަށް ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. ނަމަވެސް އެކަމަށް ލިބޭ ހައްލެއް ނުފެނެއެވެ. ދިގު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފަށައިގެން، ސިއްހީ ނިޒާމު ބަލި އެނދުން ނަގަން މަސައްކަތް ކުރުން މި ވަނީ މާ ބޮޑަށް ވެސް ލަސްވެފަ އެވެ. ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުތަކުން ކުރާ މަސައްކަތުގެ އަމަލީ ނަތީޖާ ފެންނަން ފަށާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބީ ސިއްހީ ނިޒާމު އޮތް ހާލަތަށްވުރެވެސް ބޮޑެތި އުދާސްތަކެއްގެ މަތީގަ އެވެ.