ނަމާދުކުރާ އިރު ނަމާދުން ބޭރު އެކިއެކި ފިކުރުތައް ގިނަވުމުގެ މައްސަލައަކީ މަދުމީހަކަށް މެނުވީ އެކަމުން ސަލާމާތްވެފައިވާކަމެއް ނޫނެވެ. ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރުމަކީ އެކަމަށް ނަފްސު ހާނުވައި ފަރިތަކުރަންޖެހޭ ކަމެކެވެ. ނަމާދުން ބޭރު ޚިޔާލުތަކުން އެއްކިބާވެވި، ނަމާދުގައި ޚުޝޫއަތްތެރިވެވޭ ހުށީ ނަމާދަށް ހުސްވެގަނެ، ތިމާގެ ހިތުން ނަމާދު ފިޔަވައި އެހެން ހުރިހާ ފިކުރުތަކެއް ބޭރުކޮށްލެވުމުންނެވެ. އަދި އެހެން ހުރިހާ ކަމެއްގެ މައްޗަށް ނަމާދު އިސްކޮށް ނަމާދުގެ ތެރޭގައި ހުންނަ ވަގުތުގައި އެހެން އެއްވެސް ކަމެއް މުހިންމު ނުވާ ދަރަޖައަށް ތިމާގެ ހިތް ނަމާދާ ގުޅި ލާމެހުމުންނެވެ. އެހާރުން، ނަމާދަކީ ލޮލުގެ ފިނިކަމަށް ބަދަލުވެ، ހިތުގެ ހަމަޖެހުމަށް ބަދަލުވެގެންދާނެއެވެ.

ނަމާދުގައި ޚުޝޫއަތްތެރިކަން ގެނެސްދޭ އެތައް ސަބަބެއް އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ކަންކަމަށް މިލިޔުމުގައި ބަލައިލާނަމެވެ.

ފާފަތަކުން އެއްކިބާވުން

އެއްކަމަކީ ފާފަތަކުން އެއްކިބާވުމެވެ. ފާފައިގެ އަސަރު ހިތްތަކަށް ކުރެވެ. އަދި ހިތުގައި ފާފައިގެ އަސުރުތައް ހަރުލާފައި ހުރެއްޖެނަމަ ހިތުގައި ޚުޝޫއަތްތެރިކަމެއް ނުހުންނާނެވެއެވެ. އެހެންކަމުން ނަމާދުގައި ޚުޝޫއަތްތެރިވުމަށް އެދޭމީހާ އެންމެ އިސްކަމެއް ދޭންވީ ފާފަތަކުން އެއްކިބާވެ، ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުއާކުރުމަށެވެ. އިސްތިޣްފާރުކުރުމަކީ ފާފަ ފުއްސަވައިދެއްވުމުގެ އަސާސީ އެއް ސަބަބެވެ.

ކުރިއާލައި ނަމާދަށް ތައްޔާރުވުން

ނަމާދަށް ތައްޔާރުވުމުގެ ތެރޭގައި އެތައްކަމެއް ހިމެނެއެވެ. ނަމާދުގެ ވަގުތު ޖެހުމުގެ ކުރިން ނަމާދު ވަގުތު ގާތްވެއްޖެކަން ދަނެ، ނަމާދަށް ދިޔުމަށްޓަކައި ކުރިއާލައި އެހެން މަސައްކަތްތައް ހުއްޓާލުމާއި، ބަންގި ގޮވާހިނދު، ބަންގީގައި ކިޔާ އިބާރާތްތައް ތަކުރާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ބަންގި ދުއާ ކިޔުމާއި، ބަންގިއަށްފަހުގައި ތިމާ އެދޭކަންކަމަށް ދުއާކުރުންވެސް ހިމެނެއެވެ.

ފުރިހަމައަށް ވުޟޫކުރުން

ނަމާދަށް ތައްޔާރިވުމުގެ ގޮތުން ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ފުރިހަމައަށް ވުޟޫކުރުމެވެ. އަދި ވުޟޫކުރުމުގެ ކުރީގައި ދަތް އުނގުޅުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާصلى الله عليه وسلمހަދީޘްކުރައްވާފައިވެއެވެ."لَوْلاَ أَنْ أشُقَّ عَلَى أُمَّتِي - أَوْ عَلَى النَّاسِ - لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ". متفقٌ عَلَيْهِމާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ނުވަތަ މީސްތަކުންނަށް އުނދަގޫކަމެއްކަމުގައި ނުވާނެނަމަ، ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަށް އެބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ."

ފުރިހަމައަށް ވުޟޫކުރުމާއި އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމުގެ މާތްކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާصلى الله عليه وسلمޙަދީޘް ކުރެއްވިއެވެ."إسْبَاغُ الوُضُوءِ عَلَى المَكَارِهِ، وَكَثْرَةُ الخُطَا إلَى المَسَاجِدِ، وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ، فَذَلِكُمُ الرِّبَاطُ، فذَلِكُمُ الرِّبَاطُ". رواه مسلِمމާނައީ: "އުނދަގޫ ވަގުތުގައި (އެބަހީ: ފިނިގަދަވެގެން، ނުވަތަ ބައްޔެއްވެގެން ވިޔަސް ވުޟޫކުރުމަށް ދަތިވެފައިވާ ވަގުތުގައި) ފުރިހަމައަށް ވުޟުކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅުތައް ގިނަކުރުމާއި، އެއް ނަމާދަށްފަހު، އަނެއް ނަމާދުގެ އިންތިޒާރުގައި ހުރުމެވެ. ފަހެ، މިންކަމަކީ ހަގީގީ ރިބާތެވެ. (އެބަހީ: ދީނުގެ ރައްކައުތެރިކަމުގައި ދެމިތިބުމުގެ އަސްލެވެ.)"

ނަމާދުގައި ކިޔާ ޒިކުރުތަކުގެ މާނަ ދަސްކުރުން

ހަމައެފަދައިން ނަމާދުގައި ކިޔަވާ އާޔަތްތަކުގެ މާނަ އެނގުމާއި، އެ އާޔަތްތައް ކިޔަވާހިނދު އެއާމެދު ވިސްނުމާއި، ނަމާދުގައި ކިޔާ ޒިކުރުތަކުގެ މާނަ ދަސްކޮށް މާނަ އެނގިހުރެ އެ ޒިކުރުތައް ކިޔުމަކީ ޚުޝޫއަތްތެރިކަން ލިއްބައިދޭ ކަމެކެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނައާއިމެދު ނުވިސްނާނަމަ، ނުވަތަ އެ ޒިކުރުތަކުގެ މާނަ ނޭނގޭނަމަ، ނަމާދުކުރަން ހުންނަ މީހާގެ ފިކުރުތައް ހުންނާނީ ނަމާދުން ބޭރުގެ ކަންކަމާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ވަޒީފާގެ ކަންކަމާމެދު، ނުވަތަ އާއިލީ ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމާމެދު ވިސްނުމެއްގައެވެ. ނުނީ ކަމާނުބެހޭ އެވެސް ފައިދާއެއް ނެތް ބޭކާރު ފިކުރުތަކެއްގައެވެ.

ތިމާއަށް މިހުރެވެނީ މާތްﷲގެ ހަޟުރަތުގައިކަން ހަނދާންކުރުން

ނަމާދުން ބޭރު ވިސްނުމާއި ފިކުރު ގެނުވާ އަނެއްކަމަކީ، ތިމާއަށް މިހުރެވެނީ ތިމާގެ ވެރި ރައްބުގެ ކުރިފުޅުމަތީގައިކަން ހަނދާން ނެތުމެވެ. އަދި ނަމާދަކީ އެ އިލާހުގެ މަތިވެރިކަން ބަޔާންކޮށް ކިޔޭ ދުއާތަކަކާއި ޒިކުރުތަކެއް ކަމުގައި ވީހިނދު، އެފަރާތުގެ މަތިވެރިކަން ތިމާގެ ހިތުތެރެއަށް ގެނެސްގަނެވިފައި ނުވަތީއެވެ. އަދި ނަމާދުކުރާ މީހާއަށް އެކަލާނގެ ބައްލަވާ ވޮޑިގެންވާކަމާއި، ބަސް ވަހީކުރައްވައި މުހާތަބު ކުރައްވާކަން ތިމާއަށް ނޭނގޭތީއެވެ.

ނަމާދުގައި ފާތިހާ ސޫރަތް ކިޔަވާހިނދު އެ ނަމާދު ކުރާ މީހަކާ މުހާތަބުކުރައްވައި މާތްﷲ ބަސް ވަހީކުރައްވައެވެ. އެކަލާނގެ ވަހީޯކުރައްވާފައިވެއެވެ. "ތިމަން ﷲގެ އަޅާއާއި ތިމަންރަސްކަލާނގެއާއި ދެމެދުގައި ނަމާދު ދެބަޔަކަށް ބައްސަވައިފީމެވެ." ނަމާދު ކުރާމީހާالْحَمْدُلِلَّهِرَبِّالْعَالَمِينَކިޔައިފިނަމަ މާތް ﷲ ވަހީކުރައްވާނެއެވެ. "ތިމަން ﷲގެ އަޅާ ތިމަން ﷲއަށް ހަމްދު ކޮށްފިއެވެ." އަދިالرَّحْمَنِالرَّحِيمِކިޔައިފިނަމަ އެކަލާނގެ ވަހީކުރައްވާނެއެވެ. "ތިމަން ﷲގެ އަޅާ ތިމަން ﷲއަށް ސަނާ ކިޔައިފިއެވެ." އަދިمَالِكِيَوْمِالدِّينِކިޔައިފިނަމަ އެކަލާނގެ ވަހީކުރައްވާނެއެވެ. "ތިމަން ﷲގެ އަޅާ ތިމަން ﷲ މަތިވެރިކޮށްފިއެވެ." އަދިإِيَّاكَنَعْبُدُوَإِيَّاكَنَسْتَعِينُކިޔައިފިނަމަ ވަހީކުރައްވާނެއެވެ. "މިއީ ތިމަން ﷲގެ އަޅާއާއި ތިމަން ﷲއާއި ދެމެދުގައިވާ ބައެވެ. އަދި އޭނާ އެދިއްޖެކަމަށް އޭނާއަށް ދެއްވާނަމެވެ." ދެންاهْدِنَاالصِّرَاطَالْمُسْتَقِيمَصِرَاطَالَّذِينَأَنْعَمْتَعَلَيْهِمْغَيْرِالْمَغْضُوبِعَلَيْهِمْوَلاَالضَّالِّينَކިޔުމުން ވަހީކުރައްވާނެއެވެ. "މިއީ ތިމަން ﷲގެ އަޅާއަށްވީ ބައެއް އަދި އޭނާ އެދުނުކަމެއް އޭނާއަށް ލިބޭނެއެވެ."رواهمسلم

މި ހަދީޘްގެ އިތުރުންވެސް ނަމާދުގުޅުންހުރި އަގު މާތް އެތައް ހަދީޘްތައް ވާރިދުވެގެންވެއެވެ. އޭގެ ތެރޭގައި ވުޟޫ ފުރިހަމަކުރުމުގެ މާތްކަމާއި، ހިނގާފާއި މިސްކިތައް ދިއުމާއި، ސުންނަތް ނަމާދުތަކުގެ މާތްކަމާއި ސަޖިދާގައި ދުއާކުރުމުގެ މާތްކަން ބަޔާންކުރައްވާފައިވާ ހަދީޘްތައް ހިމެނެއެވެ.

ރުކޫއު ސުޖޫދުގައި ވާރިދުވެފައިވާ އެކި ޒިކުރުތައް ކިޔުން

ނަމާދުގައި އަބަދު އެއް ޒިކުރުތަކެއް ކިޔަން އާދަވެފައި ވާނަމަ، އެ ޒިކުރުތަކާމެދު މާބޮޑު ފަރުވާތެރިކަމެއް ނުބެހެއްޓި ވިސްނުމެއްނެތި ކިޔޭ ކިޔެވެލިތަކަކަށް އެ ޒިކުރުތައް ވެގެން ހިނގައިދާނެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަމާދުގައި ކިޔަންޖެހޭ ޒިކުރުތަކަކީ އާންމުކޮށް މިކިޔާ ޒިކުރުތައް އެކަނި ކަމުގައެވެ. އެހެންނަކުން ނޫނެވެ. ނަމާދުގައި ކިޔުމަށް ވާރިދުވެފައިވާ އެތައް ޒިކުރުތަކެއް އެބަހުއްޓެވެ. ރުކޫއާއި ސުޖޫދުގައިވެސްسُبْحَانَ رَبِّيَ الْعَظِيمِއަދިسُبْحَانَ رَبِّيَ الْأَعْلَىގެ އިތުރުން އެހެން ޒިކުރުތައްވެސް ސުންނަތުން ސާބިތުވެއެވެ.

އާއިޝާرضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާصلى الله عليه وسلمއެކަލޭގެފާނުގެ ރުކޫއާއި ސުޖޫދުގައި މިފަދައިން ވިދާޅުވެއެވެ."سُبُّوحٌ قُدُّوسٌ، رَبُّ الْمَلَائِكَةِ وَالرُّوحِ(رواه مسلم).އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާصلى الله عليه وسلمރުކޫއާއި ސުޖޫދުގައި މި ދުއާވެސް ކިޔުއްވައެވެ.سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي " (رواه البخاري)

ނަމާދުގައި މަޑުމޮޅިވުން

ނަމާދު ލަސްލަހުން ކުރުމާއި މަޑުމޮޅިކަމާއެކު ކުރުމަކީ ނަމާދުން ބޭރުގެ ޚިޔާލުތައް ދުރުކުރަވާ ކަމެކެވެ. އަދިالطمأنينةއެބަހީ؛ މަޑުމޮޅިކަމަކީ ނަމާދުގެ ރުކުނެއްކަމުގައިވެސް ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ރަނގަޅަށް ހަމެޖެހިލަންދެން ނަމާދުގެ ކޮންމެ ރުކުނެއްގައި ކީރިތި ރަސޫލާصلى الله عليه وسلمމަޑުޖެހިލައްވައި ހަމަޖެހިލައްވާކަމުގައި ރިވާވެގެންވެއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "أَسْوَأُ النَّاسِ سَرِقَةً الَّذِي يَسْرِقُ صَلَاتَهُ" قَالُوا: يَا رَسُولَ اللَّهِ كَيْفَ يَسْرِقُ صَلَاتَهُ، قَالَ: "لَا يُتِمُّ رُكُوعَهَا وَلَا سُجُودَهَا" رواه أحمد والحاكمމާނައީ: "އެންމެ ނުބައި ވައްކަމަކީ އޭނާގެ ނަމާދުން ވައްކަންކުރާ މީހާއެވެ." ސަހާބީން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ނަމާދުން ވައްކަން ކުރާނީ ކިހިނަކުންތޯއެވެ؟" ހަދީޘް ކުރެއްވިއެވެ. "އެއީ ނަމާދުގެ ރުކޫއާއި ސުޖޫދު ފުރިހަމަ ނުކުރުމެވެ." އެބަހީ އެ ރުކުންތައް ފުރިހަމައަށް އަދާނުކޮށް އަވަސްކޮށްގަނެ ނަމާދު ނިންމައިލުމެވެ.

ނަމާދުގައި މަރު ހަނދާންކުރުން

ބައެއް ސައްހަ ރިވާޔަތަކުގައި ކީރިތި ރަސޫލާصلى الله عليه وسلمއަރިހުން ރިވާވެގެންވެއެވެ. ނަމާދުގައި ހުންނަ ވަގުތުގައި މަރު މަތިން ހަނދާންކުރާހުށިކަމެވެ. ނަމާދުގައި މަރު މަތިން ހަނދާންވާނަމަ ނަމާދު ފުރިހަމަކުރުމަށް އެކަމުން ބާރު ލިބޭނެތެވެ. އަދި އެ ނަމާދަށްފަހުގައި އެހެން ނަމާދެއް ކުރުމަށް ފުރުސަތު ނުލިބި މަރުވެދާނޭކަމަށް ބިރުވެތިވެ ހުރެ ނަމާދު ކުރާށެވެ.

ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުންވެސް ނަމާދުގައި ޚުޝޫއަތްތެރިކަން ގެނެސްދޭ އެތައް ކަމެއް އެބަހުއްޓެވެ. ނަމަވެސް މި މިންވަރުން ފުއްދައިލާނަމެވެ. ނަމާދަށް ފަރުވާތެރިވެ ނަމާދުގައި ޚުޝޫއަތްތެރިވުމަށް ވަސިއްޔަތް ކުރަމެވެ.