ކުރިއަށް އޮތް ކޮޕާ އެމެރިކާގެ މުބާރާތުގައި ބްރެޒިލް ޓީމުގެ ކެޕްޓަންކަން ޕީއެސްޖީގެ ނޭމާ ޖޫނިއާއާ ހަވާލު ކުރުމާ ދެކޮޅު ކަމަށް އެ ގައުމުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އެޑްމިލްސަން ބުނެފި އެވެ.

އޭނާ ދެކޭ ގޮތުގައި ބްރެޒިލްގެ ގައުމީ ޓީމުގައި ނޭމާ އަށް ވުރެ އެ މަގާމަށް ހައްގު ކުޅުންތެރިން އެބަ ތިއްބެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ތަޖުރިބާ އިން ނޭމާ އެ މަގާމަށް ގާބިލު ނޫންކަން އެންމެނަށް ފާހަގަވި ކަމަށް ވެސް އޭނާ ބުނެ އެވެ.

މި އަހަރު ކުރީ ކޮޅު ނޭމާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ މިހާރު އަންނަނީ އަނެއްކާ ވެސް ޕީއެސްޖީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. މީގެ ކުރިން ސްޕެއިންގެ ބާސެލޯނާގައި ކުޅެ ދުނިޔޭގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ނޭމާއަށް ފުރިހަމަ ކަމާ އެކު ސީޒަންއެއް ނިންމާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޕީއެސްޖީގައި މިހާތަނަށް ކުޅުނު ދެ ސީޒަނުގައި ވެސް ބޮޑު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނު އިރު އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ވެސް އަމާޒު ވެފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއަށް ނޭމާ ބަދަލު ވުމަށް ފަހު އެ ތަފާތު އޭނަގެ ފަރާތުން އަދި ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.

ނޭމާގެ ކުޅުމާއި އޭނަގެ ހުނަރު ކިތަންމެ މޮޅު ނަމަވެސް އޭނަގެ ގައިގައި ކެޕްޓަނެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް ނެތް ކަމަށް އެޑްމިލްސަން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ކޮޕާ އެމެރިކާގައި ވެސް އޭނައަށް ކެޕްޓަންކަން ހަވާލު ނުކުރުމަށް ބްރެޒިލްގެ ކޯޗު ގާތު އެދޭނެ ކަމަށް އެޑްމިލްސަން ބުންޏެވެ.

"ބްރެޒިލްގެ ސްކޮޑުގައި އެ މަގާމަށް ގާބިލު އަދި ތަޖުރިބާ ހުރި ބައިވަރު ކުޅުންތެރިން އެބަ ތިބި،" އެޑްމިލްސަން ބުންޏެވެ. "އަހަރެން ގަބޫލެއް ނޫން ނޭމާއަށް ކެޕްޓަން ބޭންޑު ހަވާލު ކުރާކަށް. ފަހު ބަސް އިއްވާނީ ޓީމުގެ ކޯޗު،"

މި އަހަރުގެ ކޮޕާ އެމެރިކާ ބްރެޒިލްގައި ބާއްވާ އިރު އެގައުމުން މިހާރު ވަނީ ކޮޕާ އެމެރިކާގައި ވާދަ ކުރާނެ ކުޅުންތެރިންގެ ސްކޮޑު ފައިނަލްކޮށްފަ އެވެ. އެ ލިސްޓުގައި ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ޑިފެންޑަރު މާސެލޯ އަދި އެ ޓީމުގެ ވިނިޝަސް ޖޫނިއާ ވެސް ހިމަނާފައެއް ނުވެ އެވެ.

"މިފަހަރުގެ ސްކޮޑް ނަގާފައި އޮތް ގޮތުން ވަރަށް ބޮޑެތި ބަހުސްތައް އުފެދޭ. ކޮންމެ ޕޮސިޝަނަކަށް ވެސް ބައިވަރު ކުޅުންތެރިންތަކެއް އެބަ ތިބި ކޯޗަށް ފެންނަ އެންމެ ރަނގަޅު ކުޅުންތެރިން ނަގާފައި އެ ތިބީ."