ރާމަﷲ (މޭ 21) : އެމެރިކާގެ ބެލުމުގެ ދަށުން އަންނަ ޖޫން މަހު ބަހްރައިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިގްތިސާދީ މަހާސިންތާގައި ބައިވެރިނުވާނެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ފަލަސްތީނުގެ ސޯޝަލް ޑިވެލޮޕްމަންޓާ ބެހޭ ވަޒީރު އަހްމަދު މަޖްލާނީ ވިދާޅުވީ ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާ ރާވާފައި ވަނީ ފަލަސްތީނާ މަޝްވަރާނުކޮށް ކަމަށްވެފައި އެ މަހާސިންތާގެ ބޭނުމާއި ލަނޑުދަނޑިއާމެދު ސުވާލު އުފެދިފައިވާތީ އެ މަހާސިންތާގައި ބައިވެރިނުވުމަށް ހޯމަ ދުވަހު ބޭއްވި ފަލަސްތީނުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމުގަ އެވެ.

އެމެރިކާގެ ބެލުމުގެ ދަށުން އަންނަ ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާއަކީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިގްތިސާދީގޮތުން އިންވެސްޓްކުރުމުގެ ފުރުސަތު ބައިނަލްއަގްވާމީ ގޮތުން ހުޅުވާލައި ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެއް ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްލާން ކުރައްވާ ސުލްހައިގެ މަޝްރޫއު "ޑީލް އޮފް ދަ ސެންޗަރީ" އަންނަ ޖޫން މަހު ރަސްމީ ގޮތުން އިއްލާންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެއްކަމަށް ވެ އެވެ. ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ޓްރަމްޕް އިއްލާންކުރައްވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު ބިނާކޮށްފައި ވަނީ ފަލަސްތީނު ރައްޔިތުންނަށް މާލީއެހީދީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުކުރުމުގެ މައްޗަށް އެކަނި ކަމަށާއި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުން ފަދަ ފަލަސްތީނަށް ލިބެން ޖެހޭ ސިޔާސީ ހައްގުތައް އޭގައި ނުހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި މަހާސިންތާއަށާއި "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއަށް އިޝާރާތް ކުރައްވައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ ވަނީ ފަލަސްތީނުގެ ހައްގުތައް އެއްފަރާތްކޮށްފައި ފަލަސްތީނުގެ މައްސަލަ އިގްތިސާދީ ގޮތުން ހައްލުނުކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ހޯމަ ދުވަހު ބޭއްވި ފަލަސްތީނުގެ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިޝްތިޔާ ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށާއި އެކަން ހައްލުކުރެވޭނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައި ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ދީގެންކަމުގަ އެވެ.

އަންނަ ޖޫން މަހުގެ ކުރީކޮޅު އިއްލާންކުރުމަށް ހަމަޖެހިފައިވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގައި ފަލަސްތީނަށް ފުރިހަމަ ސިޔާދަތު ލިބިގެންވާ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމާއި ހުޅަނގު އައްސޭރީގެ ބިންތަކުން އިސްރާއީލު ފޭބުމާއި ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުން ނުހިމެނޭ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފައިވެ އެވެ.

ފަލަސްތީނުގެ މަސްއޫލުވެރިން ކުރިން ވެސް ވަނީ "ޑީލް އޮފް ދަ ސެންޗަރީ" އަކީ އުފަންވުމުގެ ކުރިން މަރުވެފައިވާ މަޝްރޫއެއް ކަމަށް ސިފަކުރައްވައި ފަލަސްތީނުން އެމަޝްރޫއު ގަބޫލުނުކުރާނެކަން އިއްލާން ކުރައްވައިފަ އެވެ. އަދި ރައީސް މަހްމޫދު އައްބާސް ވަނީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އިސްރާއީލު ވެރިވެގަނެގެން އުޅޭ ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކޮށްފައިވާތީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްޙައިގެ ހަރަކާތެއްގައި ފަލަސްތީނު ބައިވެރިނުވެ އެމެރިކާ ބޮއިކަޓް ކުރުމަށް ނިންމަވާފަ އެވެ. (ނޫސްއެޖެންސީތައް)