ކިޔޭވް (މޭ 21) : ޔުކްރޭންގެ އައު ރައީސް ވްލަޑިމީރު ޒިލިންސްކީ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރެއްވުމާ އެކު އެ ގައުމުގެ މުއައްސަސާތަކާ ދެކޮޅަށް ހަނގުރާމަ އިއްލާން ކުރައްވައިފި އެވެ.

ރައީސް ކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ނިންމެވި ނިންމެވުމެއްގެ ގޮތުން ޒިލިންސްކީ ވަނީ ޕާލަމެންޓް އުވާލައްވައިފަ އެވެ. ޔުކްރޭންގެ ޕާލަމެންޓްގައި އަޣުލަބިއްޔަތު އޮންނަނީ ޒިލިންސްކީއާ އިދިކޮޅު ފަރާތްތަކަށެވެ. ޕާލަމެންޓް އުވާލައި ދެމަސް ތެރޭގައި އަލުން އިންތިޚާބެއް ބޭއްވުމަށް ޒިލިންސްކީ ނިންމެވީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމުގެ ސިޔާސީ ބޭނުމުގައި ކަމުން ޔުކްރޭންގެ ސިޔާސީ މަސްރަހުގައި ކުރިޔަށްއޮތީ ހަލަބޮލި ދުވަސްތަކެއް ކަމަށް އެގައުމުގެ ސިޔާސީ މުހައްލިލެއް ކަމަށްވާ އެލެކްސީ ހެރަން ވިދާޅުވި އެވެ.

މީގެ އިތުރުން ޒިލިންސްކީ ވަނީ ޔުކްރޭންގެ ޖާސޫސީ އިދާރާގެ ވެރިޔާ ވެސިލް ހެރިސްޓަކް އާއި ދިފާއީ ވަޒީރު ސްޓިބަން ބޮލްޓްރަކް އާއި އެޓާނީ ޖެނެރަލް ޔޫރީ ލޮޓެސްނިކޯ ވެސް މަގާމުންދުރުކުރުމަށް ނިންމަވައިފަ އެވެ. ޕާލަމެންޓް އުވާލުމާ އެކު ޔުކްރޭންގެ ބޮޑުވަޒީރު ވްލަޑިމީރު ހެރުސްމަން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. ޒިލިންސްކީ ރައީސްކަމުގެ ހުވާކުރެއްވުމާ އެކު ދައުލަތުގެ މުއައްސަސާތާކާ ދެކޮޅަށް ހަނގުރާމަ އިއްލާންކުރައްވައި އޭނާ މިގެންނެވި ކުއްލި އަދި ހަރުކަށި ބަދަލުގެ ސަބަބުން ޔުކްރޭންގެ ސިޔާސީ މަސްރަހު ވަރަށްބޮޑަށް ހަލަބޮލިވެ ގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް އޮބްޒާވަރުން ބުނެ އެވެ.

ޒިލިންސްކީގެ މިހަރުކަށި ނިންމެވުންތަކާ އެކު ޔުކްރޭންގެ އެތައް މަސްއޫލުވެރިންނެއް ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ. ޔުކްރޭންގެ އައު ރައީސް ވްލަޑިމީރު ޒިލިންސްކީ އަކީ ފިލްމުތަކުގައި ހެއްވާބައި ކުޅުއްވުމުގައި އުޅުއްވި ސިޔާސީ ތަޖްރިބާވެސް އަދި ހިންގުމުމުގެ ތަޖްރިބާވެސް ނެތް ބޭފުޅެކެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބުގައި ޒިލިންސްކީ ވިދާޅުވީ އޭނާ ފިލްމު ކުޅުއްވަން އުޅުއްވި ދުވަސްވަރު ބެލުންތެރިން ހެއްވިގޮތަށް އޭނާގެ ރައީސްކަމުގެ ދައުރުގައި ޔުކްރޭންގެ ރައްޔިތުން ހެއްވާލާނެކަމުގަ އެވެ. މިގޮތުން ރައްޔިތުން ހިތާމަކުރަން ނުޖެހޭނެ ކަމަށާއި ރައްޔިތުން އުފާވާނެ ގޮތަށް ގައުމުގެ ހުރިހާކަމެއް ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ ދައުރަކީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދޭނެ ފަސް އަހަރުކަމަށް ވެސް ޒިލިންސްކީ ވިދާޅުވި އެވެ.

ޒިލިންސްކީ ވިދާޅުވީ އޭނާގެ ސަރުކާރުގެ އެންމެ ބޮޑުއަމާޒަކީ ޔުކްރޭންގެ އުތުރުގައި ރަޝިޔާ ދަރިކޮޅުގެ މީހުންނާއި ޔުކްރޭން ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި އެމައްސަލަ ހައްލުކުރުމަށް ކަމުގަ އެވެ. ދާޚިލީ ހަމަނުޖެހުންތަކާއި ރަޝިޔާގެ ފިއްތުންތަކުގެ ސަބަބުން ޔުކްރޭނަށް އިގްތިސާދީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އިރު ޒިލިންސްކީގެ ތަޖްރިބާ މަދުވެފައި އޭނާގެ ގެންގުޅުއްވަން ފެއްޓެވި ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މިމައްސަލަތައް ހައްލުކުރެވިދާނެ ކަމާމެދު އޮބްޒާވަރުން ވަނީ ސުވާލު އުފައްދާފަ އެވެ. (ނޫސްއެޖެންސީތައް)