21 May 2019, 16:05
ޔުވެންޓަސްއަށް އެންމެ ރަނގަޅު ވާނީ މިހާރު ޓޮޓެންހަމްއަށް ކޯޗުކަން ކޮށްދެމުން އަންނަ މޯރީސިއޯ ޕޮޗެޓީނޯ ނުވަތަ ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީ ކަމަށް އެކުލަބުގެ ކުރީގެ ކޯޗު މާސެލޯ ލިޕީ ބުނެފި އެވެ.
ލިޕީ މިހެން ބުނީ ފަސް އަހަރަށް ފަހު ޔުވެންޓަސްގެ ކޯޗުކަމުން މިހާރު އެ ޓީމަށް އިރުޝާދު ދެމުން އަންނަ މިސިމިލިއާނޯ އެލެގްރީ އެ ކުލަބު ދޫކޮށްލާނެ ކަން އިއުލާން ކުރުމުންނެވެ. އަންނަ ހަފްތާގައި ޔުވެންޓަސްއާއި ސަމްޕްޑޯރިއާ ކުޅޭ މެޗަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލާ އިރު އެ ކުލަބަށް ގެންނާނެ ކޯޗަކާ މެދު ގިނަ ފަރާތްތަކަކުން ދަނީ ބަސް ކިޔަމުންނެވެ.
މީގެ ކުރިން ފަސް ފަހަރު ޔުވެންޓަސްއަށް އިޓާލިއަން ލީގު ހޯދައިދީފައިވާ ލިޕީ ބުނީ ޔުވެންޓަސްއަށް އެންމެ ރަނގަޅުވާނީ އިނގިރޭސި ޓީމެއް ބަލަހައްޓަމުން އަންނަ ކޯޗެއް ކަމަށެވެ. އެގޮތުން މޯރީސިއޯ ޕޮޗެޓީނޯ އާއި މޯރީޒިއޯ ސަރީ އަކީ އެކަމަށް އެންމެ ގާބިލު ދެ މީހުން ކަމަށް އޭނާ ބުންޏެވެ.
ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ސަރީގެ ޗެލްސީ ވެސް މިވަގުތު އޮތީ އެއްކޮޅުން ޔޫރަޕާ ލީގުގެ ފައިނަލުގަ އެވެ. ލިޕީ ބުނީ އެ ދެ މުބާރާތުގެ ފައިނަލަށް ފަހު އޭގެން އެއް ކޯޗު ޔުވެންޓަސް އާއި ގުޅުން ގާތް ކަމަށެވެ.
"ޔުވެންޓަސް ކަހަލަ ބޮޑު ކުލަބަކުން އެލްގްރީ ނެތްތަން ފޫބައްދަން ރަނގަޅު ކޯޗެއް ނުހޯދާ މަޑު ޖައްސާލައިގެން އެ ތިބެނީ ސީޒަނުގެ ބޮޑު ދެ ފައިނަލަށް ބަލަން. އެއަށް ފަހު ގެންނާނެ ކޯޗެއް ނިންމާނީ،" ލިޕީ ބުންޏެވެ.
"ގަބޫލު ކުރެވޭ ގޮތުގައި ފައިނަލުގައި ކުޅޭ ކުލަބުތަކުގެ ތެރެއިން ކޯޗެއް ޔުވެންޓަސްއަށް ގެނައުން އެންމެ ގާތީ،"
ލިޕީ ބުނީ ޔޫރަޕާ ލީގު ކާމިޔާބު ކުރުން އެންމެ ގާތީ ޗެލްސީ ކަމަށާއި ޗެމްޕިއަންސް ލީގުގައި ބޮޑަށް ބުރަވަނީ ޕޮޗެޓީނޯގެ ޓޮޓެންހަމް ކޮޅަށެވެ.