ޑާކާ (މެއި 21): ބަންގުލަދޭޝްގައި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ޓަކައި އެގައުމުގެ ކަނޑުގެ ސަރަހައްދުން 65 ދުވަހަށް މަސް ބޭނުން މަނާކޮށްފި އެވެ.

ބަންގުލަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި އިއްޔެ އިން ފެށިގެން ޖުލައި މަހުގެ 23އާ ހަމައަށް ހުރިހާ އުޅަނދުތަކުން ވެސް މަސް ބޭނުން މަނާ ވާނެ އެވެ. އެގައުމުން އެފަދައިން ނިންމީ މަސް އާލާވުމަށް ވަގުތު ދިނުމަށްޓަކަ އެވެ.

"ދެމެހެއްޓެނެވި ގޮތަކަށް މިވަސީލަތްތައް ބޭނުން ކުރުމަށް ޓަކައި މަސް އާލާވުމަށް ފުރުސަތު ދޭން ޖެހޭ. އެހެންނޫން ނަމަ މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ގެއްލުން ދައްކާނެ،" ފިޝަރީސް އެންޑް ލައިވްސްޓޮކް މިނިސްޓަރު އަޝްރަފް އަލީ ޚާން ކަސޫރު ވިދާޅުވި އެވެ.

ބަންގުލަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި ބޭ އޮފް ބެންގާލްގައި އެގައުމުގެ ކޯސްޓުގާޑާއި ނޭވީން އެއަމުރު ތަންފީޒު ކުރާނެ އެވެ.

މީގެ ކުރިން ވެސް ބަންގުލަދޭޝްގައި ކުރު މުއްދަތުތަކަށް މަސްވެރިކަން ކުރުން މަނާކޮށްފައިވެ އެވެ. ނަމަވެސް މިއީ ކުދި މަސް ބޯޓުތަކަށް ވެސް ދިގު މުއްދަތަކަށް މަސް ނުބޭނޭނެ ކަމަށް ނިންމި ފުރަތަމަ ފަހަރެވެ. އަދި ސަރުކާރުން ވަނީ މުސްތަގުބަލުގައި ކޮންމެ އަހަރަކު ވެސް މިމުއްދަތު ތެރޭ މަސް ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބަންގުލަދޭޝްގެ މަސްވެރިން ވަނީ އެއަމުރުގެ ސަބަބުން އެމީހުންގެ އާމްދަނީ ގެއްލޭ ކަމަށް ބުނެ މުޒާހަރާ ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި މަސްވެރިކަމާ ބެހޭ އެސޯސިއޭޝަންތަކުން ވަނީ މަސްވެރިންނަށް އޭގެ ބަދަލު ދިނުމަށް އެދިފަ އެވެ.