21 May 2019, 10:51
ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން އުފައްދާފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ހަފްތާއަކު އާންމު ކުރާ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި ހުރި ފައިސާގެ އަދަދު ވަނީ، 1.13 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
މި އަހަރު ފެށުނު އިރު އެ ފަންޑްގައި ހުރީ، 667.8 މިލިއަން ރުފިޔާ އެވެ. މިއީ 69 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެއީ 554.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ވެސް ސޮވަރިން ފަންޑަށް ވަނީ، 464.8 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.
ސަރުކާރުން ނަގާ ބޮޑެތި ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން، 2016 ވަނަ އަހަރު އުފައްދައި އެމްއެމްއޭގެ ބެލުމުގެ ދަށުގައި އޮންނަ އެ ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޑެވެ.
ސަރުކާރުން މި އަހަރު ހުށަހެޅި ބަޖެޓްގައި ލަފާކޮށްފައި އޮތީ އެ ފަންޑަށް 1.1 ބިލިއަން ރުފިޔާ މި އަހަރު ނިމޭއިރު ޖަމާކުރެވޭނެ ކަމަށެވެ. އެ އަންދާޒާއަށް ވުރެ އިތުރަށް މިހާރު ފައިސާ ޖަމާކުރެވޭނެ ކަމަށް މި ވަނީ ބެލެވިފަ އެވެ.
އެ ފަންޑަށް ޖަމާކުރާ އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި އެކަނި ވެސް 266.9 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. އަދި އެމްއޭސީއެލް އިން ޑިވިޑަންޑްގެ ގޮތުގައި ސަރުކާރަށް 2017 ވަނަ އަހަރު ވެސް 561.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުން ދައްކަން ނިންމާފައިވަނީ އެއާޕޯޓް ތަރައްގީ ކުރަން ނަގާފައިވާ ލޯނާއި ބްރިޖް ތަރައްގީ ކުރަން ނެގި ލޯނު ފަދަ ބޮޑެތި ލޯނުތަކެވެ.
އެ ފަންޑް ހަރުދަނާކުރުމުގެ ގޮތުން، އެ ފަންޑާ ގުޅޭ އެންމެހާ އުސޫލުތައް ހިމެނޭ ގާނޫނެއް ހެދުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.