22 Oct 2011, 16:08
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލާނަމަ، ގުޅޭނެ ފުރަތަމަ ޓީމަކަށް އިންޓަމިލާން ވާނެ ކަމަށް އެ ކުލަބުގެ މިޑްފީލްޑަރު ތިއާގޯ މޮޓާ ބުނެފި އެވެ.
އުމުރުން 24 އަހަރުގެ އާޖެންޓީނާ ފޯވާޑް މެސީ ސްޕެއިން އަށް އައުމަށް ފަހު ބާސެލޯނާ ނޫން އެހެން ކުލަބަކަށް ލޯނުގެ ގޮތުން ކުޅެފައެއް ނުވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެސީ ފުޓުބޯޅަ ކެރިޔަރު ނިންމާލާނީ ވެސް ބާސެލޯނާގައި ހުރެ ކަމަށެވެ.
ބާސެލޯނާގެ ޒުވާން ޓީމަށާއި ސީނިއާ ޓީމުގެ ބީ ޓީމަށާއި ސީ ޓީމަށް ކުޅުމަށް ފަހު އޭ ޓީމަށް 2004 ވަނަ އަހަރު ބަދަލުވި މެސީ ވެފައިވަނީ އެކުލަބުގެ ކާމިޔާބީ ގައި ބޮޑު ހިއްސާއެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ.
އެހެންނަމަވެސް މެސީ ބާސެލޯނާގައި ހުރެ ކެރިޔަރު ނިންމާލާނެ ކަމަށް އޭނާ އާއިއެކު ހަ އަހަރު ދުވަހު ބާސެލޯނާ އަށް ކުޅެފައިވާ މޮޓާ ގަބޫލެއް ނުކުރެއެވެ. ބާސެލޯނާއިން ވަކިވާ ވަގުތު އައުމުން ގުޅޭނެ ފުރަތަމަ ޓީމަކީ އިންޓަމިލާން ކަމަށްވެސް މޮޓާ ގަބޫލުކުރެ އެވެ.
"ބާސެލޯނާ އިން ވަކިވާން މެސީ ބޭނުންނަމަ ގުޅޭނެ ފުރަތަމަ ޓީމަކީ އިންޓަމިލާން. އޭނާއަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް ކޮންމެވެސް ދުވަހަކުން އޭނާގެ ޚިޔާލަށް ބަދަލު އަންނާނެ." މޮޓާ ބުންޏެވެ.
ބާސެލޯނާ ގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނާގައި މިހާރު އުޅެނީ މެސީ އެވެ. މެސީ ވަނީ ބާސެލޯނާ އަށް 196 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ލިސްޓިގެ އެއްވަނާގައި އުޅޭ ސީސާ ރޮޑްރިގޭޒް ބާސާ އަށް 235 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.