14:30


މާލޭގެ ހަތް ސަރަހައްދެއްގައި ހުރި ފާހާނާ ބަރިތައް އަމިއްލަ ފަރާތަކަށް މާލޭ މުނިސިޕަލްޓީން ކުއްޔަށް ދީފި އެވެ.


މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގަޅު އާދަމް މަނިކު ވިދާޅުވީ އެ ފާހާނާ ބަރިތައް ފަސް އަހަރު ދުވަހަށް ބަޔަކަށް ކުއްޔަށް ދީފައި ވަނީ އެ ތަންތަން ބެލެހެއްޓުމުގައި މުނިސިޕަލްޓީ އަށް ދަތިތަކާ ކުރިމަތިވަމުންދާތީއާ އަދި އެ ތަންތަނަކީ އާއްމުންނަށް ބޭނުންކުރެވޭނެ ފެންވަރުގެ ތަންތަން ގޮތުގައި ހެދުމަށްޓަކައި ކަމަށެވެ. އަދި މިހާރު އެ ފާހާނާ ބަރިތައް ހިންގާ ބެލެހެއްޓުމުގެ ކަންތައްތައް ހަވާލުކޮށްފައިވާ ފަރާތުން އެތަންތަން އާއްމުނަށާއި ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭނެ ފެންވަރުގެ އެކަށީގެންވާ ތަންތަނުގެ ގޮތުގައި ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.


އާދަމް މަނިކު ވިދާޅުވީ އެފާހާނާ ބަރިތައް ކުއްޔަށް ހިފައިގެން ހިންގަން ބޭނުންވާ ފަރާތެއް ހޯދުމަށް މުނިސިޕަލްޓީން ދެ ފަހަރެއްގެ މަތިން އިޢުލާންކުރުމުން ވެސް އެކަމަށް އެދި ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށާއި އެ ފާހާނާ ބަރިތައް ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އަލްސަން އެފްއެންބީ ކިޔާ އަމިއްލަ ކުންފުންޏަކާ ކަމަށެވެ. މުނިސިޕަލްޓީން ބުނީ އެ ފާހާނާ ބަރިތައް ކުއްޔަށް ދީފައިވަނީ މަހަކު ވިހި ހާސް ރުފިޔާ އަށް ކަމަށެވެ.


މާލޭގައި ޤާއިމްކޮށްފައިވާ ފާހާނާ ބަރިތައް ހިންގާ ބެލެހެއްޓުމަށް މީގެ ކުރިން ވެސް އަމިއްލަ ބައެއް ފަރާތްތަކަށް ކުއްޔަށް ދީގެން އެ ތަންތަނުން ކުލި ނުލިބުމުގެ އިތުރުން އެތަންތަން ރަނގަޅަށް ބަލަހައްޓަމުން ގޮސްފައިނުވާކަން ވެސް މާލޭ މުނިސިޕަލްޓީން ވަނީ ފާހަގަކޮށްފަ އެވެ.