20 May 2019, 22:02
ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައެޅި އާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ، މަގާމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުއްގައި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގެ ލިޔުމާ ހަވާލުވެ ވަޑައިގެން ފޮރިން މިނިސްޓަރު ވަނީ އަކީކޯ ފޫޖީ އަށް މަރުހަބާ ދަންނަވައިފައެވެ.
ރާއްޖޭގެ ތަރައްގީގައި އދގެ ހިއްސާ ފާހަގަކުރައްވާ މިނިސްޓަރު ވަނީ ފަގީރުކަން ނައްތާލުމާއި، ތިމާވެށީގެ ސަބަބުން ކުރާ އަސަރުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ޑިމޮކްރަސީއާއި ގަވަނަންސްގެ ދާއިރާއިން އދ. އިން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަ ކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވަނީ ސަރުކާރުން އދ އަށް ކުރާ އިތުބާރު ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ އެޖެންޑާ ހާސިލްކުރުމަށް އދ އާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ފޮރިިން މިނިސްޓަރު ވަނީ އަކީކޯ ފޫޖީގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސަރުކާރަށް ވެދެއްވޭނެ ހުރިހާ އެހީއެއް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.