ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ގޮސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ދިވެހި އަންހެން މީހާ ފެނިއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ އޭނާ ފެނުނީ ހިލައުކާ ސަރަހައްދުން ކަމަށެވެ.

"އޭނާ މިހާރު ވަނީ ހޮޓަލަށް ގެނެސްފައި. ހާލު ރަނގަޅު" އިސްމާއިލް ވިދާޅުވިއެވެ.

އުމުރުން 54 އަހަރުގެ އަންހެން މީހާ ގެއްލުނީ ހަރަމް ފުޅުގެ ތެރޭގައި ސަފާއާއި މަރުވާއާ ދެމެދު ހިނގުމުގެ ތެރޭގައެވެ.

އިސްމާއިލް ވިދާޅުވީ ގެއްލުނު މީހާގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އޭނާ ގެއްލިގެން ދެ ދުވަސް ވަންދެން ދިޔައީ ހުއްޓުމެއް ނެތި ހޯދަމުގެ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިންވެސް ހައްޖަށާއި އުމްރާއަށް ގޮސް މީހުން ގެއްލިގެން އުޅެފައިވެ އެވެ.