ކެތްތެރިކަންވަނީ މުސީބާތް ޖެހޭ ދަނޑިވަޅުގައެވެ. ތިމާގެ ކިބައިން ފެނިގެން ނުވާނޭފަދަ އެންމެހައި އަމަލުތައް ކުރުމަށްފަހު ދެން ހަދާނޭ ގޮތް ހުސްވުމުން ތިމަން މިހުރީ ކެތްކޮށްލައިގެންނޭ ބުނުމަކީ އަދި ކެތްތެރިވުމެއް ނޫނެވެ.

عَنْ أَنَسٍ رَضِي اللَّهُ عَنْهُ قَالَ: مَرَّ النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم بِامْرَأَةٍ تَبْكِي عِنْدَ قَبْرٍ فَقَال: "اتَّقِي الله وَاصْبِرِي"فَقَالَتْ: إِلَيْكَ عَنِّي، فَإِنِّكَ لَمْ تُصَبْ بمُصِيبتى، وَلَمْ تعْرفْهُ، فَقيلَ لَها: إِنَّه النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم، فَأَتتْ بَابَ النَّبِّي صَلّى اللهُ عَلَيْهِ وسَلَّم، فلَمْ تَجِد عِنْدَهُ بَوَّابينَ، فَقالتْ: لَمْ أَعْرِفْكَ، فقالَ:"إِنَّما الصَّبْرُ عِنْدَ الصَّدْمَةِ الأولَى" متفقٌ عَلَيهِ.މާނައީ: އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ގަބުރެއްގެ ކައިރީގައި އިށީނދެ އިނދެގެން ރޮމުން ދިޔަ އަންހެނެއްގެ ގާތުން (އެއްފަހަރަކު) މާތް ނަބިއްޔާصَلّى اللهُ عَلَيْهِ وسَلَّمހުރަސްކުރައްވައި ވަޑައިގަތެވެ. (އެހިނދު، އެކަނބުލޭގެ ރޯތަން ދެކެވަޑައިގެން) ހަދީޘްކުރެއްވިއެވެ. "ކަނބުލޯ ﷲއަށް ބިރުވެތިވާށެވެ! އަދި ކަނބުލޯ ކެތްކުރާށެވެ!" އެކަނބުލޭގެ ދެންނެވިއެވެ. "ތިބާ ތިމަންނާއާ ދުރަށް ދާށެވެ! ތިމަންނާއަށް ޖެހިފައި މިވާފަދަ މުސީބާތެއް ތިބާއަށް ނުޖެހެނީތާއެވެ!" އެ ކަނބުލޭގެއަކަށް އެއީ، ކޮން ބޭކަލެއްކަމެއް ނެނގެއެވެ. ފަހެ، އެކަނބުލޭގެއަށް ބުނެވުނެވެ. އެއީ މާތް ނަބިއްޔާصَلّى اللهُ عَلَيْهِ وسَلَّمއެވެ. ދެން، އެކަނބުލޭގެ (އޭނާއަށް ބުނެވުނު ބަހުގެ މައްޗަށް ދެރަވެ) މާތް ނަބިއްޔާصَلّى اللهُ عَلَيْهِ وسَلَّمގެ ގެކޮޅު ދޮށަށް ދިޔައެވެ. އަދި އެތާނގައި ހަށިފާރަވެރިންތަކެއް ނެތުމުން އޭނާ ހައިރާންވިއެވެ. އަދި ދެންނެވިއެވެ. "އަޅުގަނޑަށް ތިޔައީ ކޮން ބޭކަލަކުކަން ނޭނގުނީއެވެ! (އެބަހީ: އަޅުގަނޑަށް ދެންނެވުނު އަދަބު ކުޑަ ބަސްތަކަށް މައާފުކުރައްވާށެވެ!)" އެކަލެގެފާނު ހަދީޘްކުރެއްވިއެވެ. "ހަމަކަވަރުން، ކެތްތެރިވުމުގެ ސަވާބު ލިބުންވަނީ، މުސީބާތް މެދުވެރިވާ ހިނދު (އެންމެ ކުރިން) އެ ކަމަށް ކެތްތެރިވުމުގައެވެ."

ކެތްތެރިކަމަށް ތިމާގެ ނަފްސު ހާނުވަން ލިބޭ އެންމެ ފަހި ފުރުސަތަކީ ރަމަޟާންމަހެވެ. މި މައްސަރުގައި ފަރުޟު ރޯދައިގެ އަޅުކަމުގެ ފުރިހަމަ ދަރުމަޔާ ސަވާބު އެދޭމީ ކެތްތެރިވުން މަތީގައި ދެމިހުންނަންޖެހެވެ. ނަފްސު ކެތްތެރިކަމުގެ މަތީގައި ސާބިތުކޮށްދޭ އެތައްކަމެއް ވެއެވެ. އޭގެތެރެއިން ބައެއް ކަންކަމަށް ބަލައިލާނަމެވެ.

1. ކެތްތެރިކަމުގެ ދަރުމަޔާއި ސަވާބު ހަނދުމަކޮށް، ކެތްތެރިވާ މީހުންނަށް މާތް ﷲ ގެ ޙަޟުރަތުގައި ކަނޑައަޅުއްވާފައިވާ ނިއުމަތްތައް ހަނދުމަކުރާށެވެ.

ކެތްތެރިވާމީހުންނަށް ދެއްވާ ދަރުމަޔާއި ސަވާބަކަށް ވަކިމިންވަރެއް، ހިސާބެއް ނެތެވެ."إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ"(الزمر 10)މާނައީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ." ކީރިތި ގުރްއާނާއި ސުންނަތުގައި ކެތްތެރީންނަށް ހުރި މަތަވެރިކަމުގެ ވާހަކަ ވަނީ ބަޔާންކުރައްވާފައެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ."وَاللّهُ يُحِبُّ الصَّابِرِينَ"(آل عمران 146)މާނައީ: "ކެތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." އަދިވެސް ވަހީކުރައްވާފައިވެއެވެ."إِنَّ اللّهَ مَعَ الصَّابِرِينَ" (البقرة 153)މާނައީ: " ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."

2. ފާފަތަކާއި އުރެދުމަށް އަރައިގަންނަ މީހުންނަށް މާތް ﷲ ގެ ޙަޟުރަތުގައި ހުރި ގަދަފަދަ އަޒާބު ހަނދާންކުރާށެވެ.

ސުވަރުގެއަށް ވާސިލުވުމުގެ މަގު ވަށާލެވިފައިވަނީ ނަފްސު ނޭދޭ ކަންކަމާއި، ހުރަސްތަކާއި، އިމްތިހާނުތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނި ޝަހުވަތްތަކާއި، އިންސާނުންގެ ހިތްކިޔާފަދަ ޒީނަތްތެރިކަމުންނެވެ. މި ސަބަބަށްޓަކައި، ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން އެދޭ މީހާ، ހެޔޮކަންކަމުގެ މަތީގައި ދެމިހުރުމުގައި ކެތްތެރިވެ، ނަފްސުގެ އެދުންތަކަށް ނުލެނބި ހުރުމުގައި ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ."يَا أَيُّهَا الَّذِينَ آَمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللهَ لَعَلَّكُمْ تُفْلِحُونَ"(آل عمران:200)މާތް ﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމިނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމިނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދުކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން ﷲއަށް ތަގުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

3. ރަސޫލުންނާއި ނަބިއްޔުން ކެތްތެރިވެ ވަޑައިގެންނެވިގޮތުގެ ވާހަކަތައް ކިޔައި، އެބޭކަލުންގެ މަތިވެރި އަހުލާގަކީ ނަމޫނާއެއް ކަމުގައި ބަލާށެވެ.

އިބްރާހީމް އަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލު އަލައިހިއްސަލާމްގެ ވާހަކައިގައި ކެތްތެރިކަމުގެ އަސަރުގަދަ ހާދިސާއެއް ފެނިގެން ދެއެވެ. ލޯބިވާ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރައްވަން ޖެހިވަޑައިގެންނެވި ހިނދުގައި ދެބައިފައިކަލުން ދެއްކެވި ކެތްތެރިކަމުގެ ނަމޫނާވަނީ ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވާފައެވެ."فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّابِرِينَ" (الصافات : 102)މާނައީ: "ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ގުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ."

ޔޫސުފް އަލައިހިއްސަލާމްގެ ވާހަކައިގައި ކެތްތެރިކަމުގެ މަތިވެރި ނަމޫނާވެއެވެ. އެކަލޭގެފާނު ތުއްޕުޅު އިރުގައި، ވަޅެއްގެ ތެރެއަށް ވައްޓާލައި އެކަލޭގެފާނު ގަތުލުކޮށްލުމަށް ކުރެވުނު މަސައްކަތްތަކާއި، އެކަލޭގެފަނުގެ ޒުވާންކަމުގެ ދުވަސްވަރު، ފާހިޝް އަމަލުތަކަށް ދައުވަތު ދެވުނު ހިނދުގައި އެކަމުން އެއްކިބާވެވަޑައިގެންނެވި ގޮތާއި، އެކަލޭގެފާނު ޖަލުގައި ކެތްތެރިވެވަޑައިގެންނެވި ގޮތުގެ ވާހަކައަކީ އިބުރަތުން ފުރިންގެވާ ފިލާވަޅުތަކެކެވެ. އަދި ޔޫސުފުގެފާނު ގެއްލުމުން އެކަލޭގެފާނުގެ ބައްޕާފުޅު ކުރެއްވި ހިތާމައާއި ކެތްތެރިވެވަޑައިގެންނެވިގޮތް އެވާހަކައިގައި ބަޔާންވެފައިވެއެވެ.

ޔޫސުފުގެފާނުގެ ބަފައިކަލުން، ޔައުގޫބުގެފާނުގެ ވާހަކަ އަންގަވައި، މާތްﷲ ވަހީކުރައްވާފައިވެއެވެ."فَصَبْرٌ جَمِيلٌ وَاللّهُ الْمُسْتَعَانُ عَلَى مَا تَصِفُونَ" (يوسف18)މާނައީ: "ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲއެވެ."

އައްޔޫސުބު ޢަލައިހިއްސަލާމްއަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ތަނަވަސްކަން ގެއްލި، އަނބިދަރިންނާއި ޚާދިމުން ނެތިގެންގޮސް، ބަލިމަޑުކަން ބޮޑުވިހިނދުގައިވެސް ކެތްތެރިކަންމަތީގައި ދެމިހުންނެވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ * فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَى لِلْعَابِدِينَ" (الأنبياء 83-84)މާނައީ: "އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙުމަތްލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ. * ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ޙާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟުރަތުން ލެއްވި ރަހުމަތެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ."

4. މާތްﷲގެ ހަޟުރަތުން ވާގިއެދި، ކެތްތެރިކަން ދެއްވުމަށް އެދި ދުއާކޮށްހަދާށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ" (البقرة 250) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، ކާފަރުވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!"

5. ދުނިޔެއަކީ ނެތިފަނާވެދާނޭ ތަނެއްކަމާއި، މިދުނިޔޭގައި ކުރިމަތިވާ ހުރިހާ ކަމަކީ އިމްތިހާނު ތަކެއްކަމުގައި ހަނދާންކުރާށެވެ.

އަދި ދުނިޔޭގައި ހިނގާ އެއްވެސް ކަމަކީ އަބަދަށް ދެމިހުންނާނޭކަމެއް ނޫންކަން ދަންނާށެވެ. ކޮންމެ މުސީބާތަކާއި ދަތި އުނދަގޫ ދުވަސްތަކަށްފަހުގައި އެއިން ނަޖާވެ ފަސޭހަކަމާއި ފާގަތިކަން މެދުވެރިވުމަކީ ދުނިޔޭގެ ކަންހިނގާ މަގެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."فَإِنَّ مَعَ الْعُسْرِ يُسْراً * إِنَّ مَعَ الْعُسْرِ يُسْراً" (الشرح : 5-6)މާނައީ: "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

6. ތިމާއަށްވުރެ ދަތި ހާލުގައި އުޅޭ މީހުން މިދުނިޔޭގައި އުޅޭކަން ހަނދާންކުރާށެވެ.

އަދި ތިމާއަށް ކުރިމަތިވެފައިވާ މުސީބާތުގެ މާތް ﷲ ރުހިވޮޑިނުގަންނަވާ ބަސްތައް ބުނުމާއި އެފަދަ އަމަލުކުރުމުން އެއްކިބާވާށެވެ.

ކީރިތި ރަސޫލާصلى الله عليه وسلمހަދީޘްކުރައްވާފައިވެއެވެ."انْظُرُوا إِلَى مَنْ هُوَ أسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ؛ فَهُوَ أجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ الله عَلَيْكُمْ". متفقٌ عَلَيْهِމާނައީ: "ތިޔަބައިމީހުން އަބަދުވެސް ތިމާއަށްވެރެ ދަށްފެންވަރުގެ މީހުންގެ އުޅުމަށް ބަލާށެވެ! އަދި ތިޔަބައިމީހުންނަށްވުރެ ތަނަވަސް ހާޅުގައިވާ މީހުންގެ އުޅުމަށް ނުބަލާށެވެ! އެހެނީ، އެއީ ﷲ ގެ ނިއުމަތަށް ނިކަމެތިކޮށް ހިތުމުގެ ސުންޕާކަމުން ތިޔަބައިމީހުން ސަލާމަތްވުން ގާތްގޮތެކެވެ."

މި ބަރަކާތްތެރި މައްސަރުގެ އަޅުކަމުގައި މަޝްއޫލުވެ އުޅޭ ހިނދު ކެތްތެރިވުމަށް ވަސިއްޔަތް ކުރަމެވެ.