20 May 2019, 12:36
ކޮލަމްބޯ (މެއި 20): ސްރީލަންކާގެ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މާދަމާ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޖޭވީޕީ)އިން ބުނެފި އެވެ.
ލަންކާގެ ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ޖޭވީޕީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވި ގޮތުގައި ސަރުކާރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މާދަމާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރިޔާއަށް އެޕާޓީން ހުށަހަޅާނެ އެވެ.
ޑިސަނަކަ ވިދާޅުވި ގޮތުގައި އެޕާޓީން އެފަދައިން ނިންމީ މިދިޔަ މަހުގެ 21ގައި އެގައުމުގެ ދިން ހަމަލާގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭތީ އެވެ. ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން އެހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އެހަމަލާތަކަށް ފަހު، ލަންކާ ސަރުކާރުން ވަނީ އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު މީގެ ކުރިން ޖާސޫސީ އިދާރަތަކަށް ލިބިފައިވާ ކަމަށާއި ހަމަލާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު ނޭޅޭ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ލަންކާ ސަރުކާރަށް ރައްޔިތުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ސަރުކާރުގެ އެތެރޭގެ ކޯޅުންތަކަށް ވަނީ އިތުރަށް ސަމާލުކަން ލިބިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ ކުއްލި ގޮތަކަށް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރެއްވި މައްސަލައިގައި ދެބޭފުޅުންގެ ގުޅުން އަދިވެސް ރަނގަޅުވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެމައްސަލަ ނިމުނީ ސިރިސޭނާ ބޮޑުވަޒީރު ކަމަށް އިސްކުރެއްވި މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން، ވިކްރަމަސިންހަ އަނެއްކާ ވެސް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ހިސާބުންނެވެ.