22 Oct 2011, 15:23
ޗެލްސީ ގެ ކެޕްޓަން ޖޯން ޓެރީ އަށް ކުއީން ޕާކްސް ރޭންޖާސް (ކިޔްޕީއާރް) ގެ ކެޕްޓަން ޖޯއީ ބާޓަން ފާޑު ކިޔުންތަކެއް އަމާޒުކުރި ނަމަވެސް އޭގެ އަސަރު މާދަމަރޭގެ މެޗުގައި ނުފެންނާނެ ކަމަށް ޗެލްސީ ގެ ކޯޗް އަންދުރޭ ވިލަސް ބޮއަސް ބުނެފިއެވެ. ޗެލްސީ އާއި ދެކޮޅަށް ކިޔްޕީއާރު ނުކުންނާނީ އެ ކްލަބުގެ އަމިއްލަ ދަނޑުގައެވެ.
މިހަފްތާ ކުރީ ކޮޅު ބާޓަން ވަނީ ޓެރީ އަށް ބޮޑު ފާޑު ކިޔުމެއް ރައްދު ކޮށްފައެވެ. މިފާޑު ކިޔުންތަކުގެ ސަބަބުން މެޗުގެ ކުރިން ދެކުޅުންތެރިން ސަލާމް ކުރާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެހެން ނަމަވެސް ޗެލްސީގެ ކޯޗު ވިލަސް ބޮއަސް ގަބޫލުކުރާ ގޮތުގައި ދަނޑުގައި އެކަހަލަ އެއްވެސް ދެކޮޅުވެރިކަމެއް ޓެރީގެ ފަރާތުން ނުފެންނާނެ ކަމެވެ.
"ބާޓަން ބުނި އެއްޗަކާއި އަހަރެމެން ބުނި އެއްޗެއްގެ އެއްވެސް ކަހަލަ އަސަރެއް މިރޭގެ މެޗަކުން ނުފެންނާނެ. ބާޓަން އަކީ މިރޭ ގެ މެޗުގައި ކިޔްޕީއާރް އަށް އިސް ދައުރެއް އަދާ ކޮށްދޭނެ ކުޅުންތެރިއެއް. އޭނާ އަކީ ވަރުގަދަ ޚިޔާލުތަކެއް ގެންގުޅޭ ކުޅުންތެރިއެއް. އޭނާ އަކީ އޭނާ ބޭނުންވާ ބަސްތައް ދުލުން ބޭރުކުރުމަށް ޖެހިލުން ނުވާ ކުޅުންތެރިއެއް. އޭނާގެ ކުޅުން އަހަރެންނަށް ކަމުދޭ. ކުޅުންތެރިއެއްގެ ޚިޔާލަކީ ޝުއޫރުތައް ފާޅުކުރުމަކީ އާންމު ކަމެއް. އެއީ ދިރިއުޅުމަކީ ވެސް." ވިލަސް ބޮއަސް ބުންޏެވެ.
ފަހަކަށް އައިސް ބާޓަން ފާހަގަ ވެފައިވަނީ ގިނަ ބަޔަކަށް ފާޑުކިޔާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މިސީޒަނުގައި ނިއުކާސަލް އިން ހިލޭ ޓްރާންސްފާ އެއްގައި ކިޔުޕީއާރް އަށް ބަދަލުވި ބާޓަން ވަނީ ނިއުކާސަލްގެ ހިންގާ ބޯޑަށް ވެސް މީޑިޔާގައި ފާޑު ކިޔާފައެވެ.