22 Oct 2011, 15:19
ފްރާންސްގެ ލިލޭ އިން 40 މިލިޔަން ޕައުންޑުގެ އަގަކަށް ވިއްކާލުމަށް ބޭނުންވާ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހެޒާޑް ހޯދުމަށް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޗެލްސީ އިން ކަމަށް ލިލޭ ގެ އެކަޑެމީ ޑިރެކްޓާ ޖީން މިޝެލް ވެންޑޭމް ބުނެފިއެވެ.
މިސީޒަނުގައި ޗެލްސީގެ ކޯޗުކަމާއި އަންދުރޭ ވިލަސް ބޮއަސް ހަވާލުވި ފަހުން އެކުލަބަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންނެވެ. ރޮމެލޫ ލުކާކޫ އާއި، އރޮއެލް ރޮމެއޫ އާއި، ހުއާން މަޓާގެ އިތުރުން ޒުވާން ގޯލު ކީޕަރު ތަބޯތް ކޯޓޮއިސް ގެ ސޮއިވެސް މިސީޒަނުގައި ޗެލްސީ އިން ހޯދާފައި ވެއެވެ.
ހެޒާޑް ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބަކުން މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން އާސެނަލް އާއި، ލިވަޕޫލް އާއި، މެންޗެސްޓާ ސިޓީ އަދި އިންޓަމިލާނުގެ އިތުރުން ޗެލްސީ ވެސް މިހާރު މިވަނީ މި ލިސްޓަށް އިތުރު ވެފައެވެ. ހެޒާޑް ގެ އިތުރުން ގެންކް ގެ ޒުވާން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑެ ބުރޫން އަށް ވެސް ޗެލްސީ އިން ޝައުގުވެރިކަން ފާޅު ކޮށްފައި ވެއެވެ.
ހެޒާޑް އަށް އިންޓަމިލާނުން ޝައުގުވެރިވާ ކަން އެކުލަބުގެ ކެޕްޓަން ހާވިއާ ޒެނެޓީ ދާދި ފަހުން ބުނެފައި ވެއެވެ. ހެޒާޑް ހޯދުމުގެ ލިސްޓަށް ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
"އަންނަ އަހަރާއި ޖެހެންދެން ލިލޭ ގައި މަޑުކުރަން ހެޒާޑް ބޭނުންވޭ. ހެޒާޑް ގަންނަން ބޭނުންވާ ބަޔަކު ޖެހޭނެ ބޮޑު ޚަރަދެއް ކުރަން. 40 މިލިޔަން ޕައުންޑަށް ވުރެ ދަށް އަގަކަށް ހެޒާޑް އެއް ދުލެއް ނުކުރާނަން. ހެޒާޑް ހޯދުމުގެ ލިސްޓުގެ އެންމެ ގާތުގައި ވަނީ ޗެލްސީ. ބާސާ އިން ނާއި ރެއާލް އަކުން އަދި ޝައުގުވެރިކަން ފާޅު ކޮށްފައެއް ނުވޭ." ލިލޭ ގެ އެކަޑެމީ ޑިރެކްޓާ ވެންޑޭމް ބުންޏެވެ.
މިސީޒަނަށް ހެޒާޑް ހޯދުމަށް އާސެނަލް އިން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށް އޭނާގެ އެޖެންޓް ދާދި ފަހުން ބުނެފައި ވެއެވެ. ލިލޭގެ ޒުވާން ޓީމުން 2007 ވަނަ އަހަރު އެކުލަބުގެ ސީނިއާ ޓީމަށް ބަދަލުވެ ހެޒާޑްވަނީ 100 މެޗުން 16 ގޯލް ކާމިޔާބުކޮށްފައެވެ. ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުމާއި އެއްގޮތް ކުޅުމެއް ދައްކަމުންއަންނަ ހެޒާޑް އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ބެލްޖިއަމް ގައުމީ ސީނިއާ ޓީމަށްވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.