މިދިޔަ ހަފްތާ ތެރޭގައި ގަވާއިދާ ހިލާފަށް މާލޭގެ މަގުމައްޗަށް ކުނި އެޅި 17 ފަރާތެއް ފުލުހުން ޖޫރިމަނާ ކޮށްފި އެވެ.

މާލެ ތެރެ ބެލެހެއްޓުމަށް ހަމަޖައްސާފައިވާ އެންވައިރުމެންޓް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގެތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް ތަކުގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓާއި އޮފީސްތައް ހިމެނޭ ގޮތަށް މަގުމަތީގައި ކުނި ބަހައްޓައިގެން 75 ފަރާތަކަށް ވަނީ ނަސޭހަތް ދީފަ އެވެ.

އޭގެ ތެރެއިން 61 މައްސަލަ ހައްލު ކުރިއިރު 14 މައްސަލައެއް ހައްލު ނުކުރެވޭ ކަމަށް އެންވައިރުމެންޓް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 75 ފަރާތުގެ ތެރެއިން 17 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެންވައިރުމެންޓް ފުލުހުން ބުނެއެވެ.

ކުނި ބެހެއްޓި ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން، މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރި 19 ފަރާތެއް ވެސް އެންވައިރުމެންޓް ފުލުހުން ވަނީ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފަ އެވެ.