މިރޭ މާލެއަށް ވާރޭ ވެގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލޭގެ މަގުތައް ފެންބޮޑުވެއްޖެއެވެ.

މާލެއަށް ވާރޭ ވެހެން ފެށީ މިރޭ 11 ޖެހި ފަހުންނެވެ. އަދި މިހާރުވެސް މާލެއަށް ދަނީ ވާރޭ މެހެމުންނެވެ.

ވާރޭ ވެހުމުން މާލޭގައި ފެން ބޮޑުވުމަކީ ދޭތެރެ ދޭތެރެއިން ވާ ކަމެކެވެ.

މެޓް އޮފީހުން ބުނީ މިރޭ މާލެއަށް ހަ މޭލާއި 13 މޭލާ ދެމެދަކަށް ވައި ޖެހުނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވިލާ ގަނޑުގައި 30 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

މާލޭގެ މަގެެއް ފެން ބޮޑުވެފައި--- ސަން ފޮޓޯ

މެޓް އޮފީހުން މިރޭ ވަނީ ޅ. އަތޮޅުން ފެށިގެން ގޮސް ފ. އަތޮޅާ ހަމައަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.

ޔެލޯ އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ވާރޭ ވެހޭނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ.