20 May 2019, 00:59
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ވާރޭ ވެހޭނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އެކި އަހަރު ހުޅަނގު މޫސުމުގެ ވިއްސާރަ ފެށެނީ އެކި ދުވަސްވަރުގައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނީ މޭ 11 ގައި ކަމަށާއި އަދި މި އަހަރު ހުޅަނގު މޫސުމުގެ ވިއްސާރަ އަދި ފެށުނުކަން ރަސްމީކޮށް "ޑިކްލެއާ" ނުކުރާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މިރޭ ހަތަރެއް ޖަހަންދެން ކ. އަތޮޅުން ފެށިގެން ގޮސް ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ
މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު އަދި ހުޅަނު އުތުރުން ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާ ހުޅަނގުން ހަ މޭލާއި 16 މޭލަށް ވައި ޖެހޭނެ ކަމަށެވެ.
މިއަދު ވަނީ ހުޅަނގު މޫސުމުގެ ގަދަ ނަކަތެއް ކަމުގައިވާ ރޯނު ނަކަތް ފެށިފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވިއްސާރަވެ، ވައިގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.