22 Oct 2011, 15:17
ޕްރެމިއާ ލީގުގައި މާދަމާ ހަވީރު މެންޗެސްޓާ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭ މެޗަށް އެ ކްލަބުގެ ދަނޑު އޯލްޑް ޓްރެފަޑް އަށް މެންޗެސްޓާ ސިޓީ ދަތުރުކުރީ ލީގުގެ އެއްވަނަ މަގާމުގައި އޮވެ ކަމަށާއި، އަދި އެނބުރި އަންނާނީ ވެސް އެއްވަނަ މަގާމު ގައި އޮވެ ކަމަށް މެންސިޓީގެ ހޮލެންޑް މިޑްފީލްޑަރު ނިގެލް ޑެ ޖޮންގް ބުނެފިއެވެ.
ލީގުގެ އެއްވަނަ މަގާމުގައި އޮތް މެންސިޓީ އިން މެޗަށް ނުކުންނައިރު، މިސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައި ވެއެވެ. އަނެއް މެޗުގައި ފުލަމް އަތުން 2-2 ލަނޑުން އެއްވަރު ވުމުގެ ސަބަބުން ދެޕޮއިންޓް ގެއްލިފައި ވެއެވެ. މެންޔުނައިޓެޑް ކުޅުނު ދެމެޗުން އެއްވަރު ވުމުގެ ސަބަބުން އެޓީމު އޮތީ ލީގުގެ ދެވަނާގަ އެވެ.
"އަހަރެމެންނަށް މެންޔުނައިޓެޑް ގެ ދަނޑުގައި ވެސް ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލުކުރޭ. އަހަރެމެން މިދަނޑަށް ދަތުރު މިކުރީ އެއްވަނާގައި އޮވެ. އަދި އެނބުރި ދާނީ ވެސް އެއްވަނަ މަގާމުގައި އޮވެ. ކުރީ ސީޒަނުގައި އޮތް ޕްރެޝަރު އޮތް ނަމަވެސް ތަފާތަކީ އަހަރެމެން މިހާރު އޮތީ ލީގުގެ އެއްވަނާގައި ކަން. އެފް އޭ ކަޕުގައި ވެސް އަހަރެމެންނަކީ މެންޔުނައިޓެޑް ބަލިކުރެވޭނެ ޓީމެއްކަން ވެސް ސާބިތު ކޮށްދީފަ ވާނެ." ޑެ ޖޮންގް ބުންޏެވެ.
މެޗު ފެށުމުގެ ކުރިން މެންޗެސްޓާ ސިޓީއެކޭ އެއްގޮތަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ ބަހުގެ ހަމަލާތަކެއް ދީފައި ވެއެވެ. އަމިއްލަ ދަނޑުގައި މޮޅުވާނެ ކަމުގެ ޔަގީންކަން މެންޔުނައިޓެޑް ގެ ނާނި އަށް އޮތްއިރު، އެޓީމު ކޯޗު ބުނާ ގޮތުގައި މިމެޗުން މޮޅުވެ އެއްވަނަ މަގާމަށް އެނބުރި އަރާނެ ކަމަށެވެ. މެންޗެސްޓާ ޔުނައިޓެޑް އާއި މެންޗެސްޓާ ސިޓީ ކުޅޭ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާލޭގަޑިން މާދަމާ ހަވީރު 5:00 ގައެވެ.