"މި ކައިވެނިފުުޅުގެ ސަބަބުން އަޅުގަނޑުމެންގެ އާއިލާއަށް ޅިޔަންފަހަވެރިކަމުގެ ގޮތުން ލިބިގެން މި ދިޔައީ ވަރަށް ބޮޑު ޝަރަފެއް ޢިއްޒަތްތެރި ޢަޒީޒު." ޒުލައިޚާބެ ބޮޑުބޭބެގެ ދަރިފުޅު ސިންހާޖު ދެންނެވިއެވެ.

*****

"ލޯބިވާ އަނބިކަނބަލުން. ކަމަނާގެ ޙާލުކޮޅު ކިހިނެއް ތޯ؟" ޢަޒީޒު ސުވާލު ކުރެއްވިއެވެ.

"މަނިކުފާނަށް ތިޔަ ފެނިވަޑައިގަންނަވާ ޙާލުގަ. ހެޔޮ ޙާލުގަ. ޖޫސް ތަށްޓެއް އަޅައި ދޭން ވީ ތޯ؟" ޒުލައިޚާ ވިދާޅުވިއެވެ.

"ނޫން. އަޅުގަނޑު ބޭނުންވަނީ ކަމަނާގެ ހިނިތުންވުން ދުށުމަށް. އަޅުގަނޑަށް އެނގޭ ކަމަނާ ދަރިކަލަކު ބޭނުންފުޅު ވެގެން އުޅުއްވާ ވަރު. އެހެންނެއް ނޫން ތޯ؟" ޢަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑު ވާހަކަ ތޯ؟ ތިޔައީ މަނިކުފާނު އަރިހުގައި ކާކު ދެއްކި ވާހަކައެއް ތޯ؟" ޒުލައިޚާ ވިދާޅުވިއެވެ.

"ކަމަނާއަށް ޓަކައި މުފާޖާއެއް އެބަ އޮތް." ޢަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނުނު." ޒުލައިޚާ ވިދާޅުވިއެވެ.

"ބެލްކަނިން ބަލާލަ ބަލަ!" ޢަޒީޒު ވިދާޅުވިއެވެ.

"ކޮންފަދަ ރީތި ކުއްޖެއް. ހީވަނީ ސާދަވިލޭރޭގެ ހަނދުހެން. މި ކުއްޖާއަކީ ކާކުގެ ކުއްޖެއް ތޯ؟" ޒުލައިޚާ އެއްސެވިއެވެ.

"އެއީ ކަމަނާގެ. ދަރިކަލެއްގެ ގޮތުގައި އޭނާ ބޮޑު ކުރައްވާ. އަހަރެމެން ޢުމުރުން ދުވަސްވާ ދުވަހުން އަހަރެމެންނަށް އެ ކުއްޖާގެ ކިބައިން މަންފާއެއް ވެސް ކޮށްފާނެ. ނުވަތަ ތަބަންނީ ކޮށްގެން އަމިއްލަ ދަރިއަކަށް ވެސް އަހަރެމެންނަށް ހެދި ދާނެ." ޢަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ މިއީ ހަގީގަތެއް ކަމަކަށް. މިއީ އަޅުގަނޑުގެ މުޅި ޙަޔާތުގައި ވެސް ލިބުނު އެންމެ ރީތި ހަދިޔާ." ޒުލައިޚާ ވިދާޅުވިއެވެ.

"އަޅުގަނޑު އޭނާ ގަތީ މަދު ދިރުހަމްކޮޅަކަށް. ފަލަސްޠީނު ފަޅީން ދަތުރުކޮށްފައި އައި ވިޔަފާރިވެރީންގެ ބަޔަކު، އެ ކުއްޖާ އަޅުގަނޑަށް ވިއްކީ. އެމީހުން ބުނި ގޮތުގައި އެމީހުންނަށް އެ ކުއްޖާ ފެނުނީ ފަލަސްޠީމުގެ ބިމުގައި ހުރި މީހުން ބޭނުން ނުކުރާ ވަޅެއްގެ ތެރެއިން." ޢަޒީޒު ވިދާޅުވިއެވެ.

"ތިޔައީ އަޅުގަނޑު އުންމީދު ކުރަމުން އައި އަޅުގަނޑުގެ ނަސީބަކީ." ޒުލައިޚާ ވިދާޅުވިއެވެ.

"އެ ކުއްޖާގެ ނަމަކީ ޔޫސުފް." ޢަޒީޒު ވިދާޅުވިއެވެ.

*****

"މި އޮތް އާފަލެއް ބަލާ ލަ ބަލަ!" ހެމުން ހެމުން ފުތޫން ބުންޏެވެ.

"ތިބާމެންގެ އަޑު މަޑު ކުރޭ! ޔޫސުފު ނިދަނީ." ޒުލައިޚާ ވިދާޅުވިއެވެ.

"ޔޫސުފޭ! އެއީ ކާކު ބާ؟" ޖައިދާ އެހިއެވެ.

"އަނގަ މަޑުން ލައިގެން ހުރެ ބަލަ! އެއީ ޒުލައިޚާއާއި ޢަޒީޒުގެ މުތަބަންނާ ދަރިކަލުން." ރުފައިދާ ބުންޏެވެ.

"ކީއްވެ އަހަރެމެންނަށް އެ ދަރިކަލުން ނުފެންނަނީ؟" ޖައިދާ އެހިއެވެ.

"އަހަރެމެންގެ ތެރެއިން އެކަކަށް ވެސް އެ ދަރިކަލުން ފެނިފައެއް ނުވޭ. ހީވަނީ އެ ދަރިކަލުންނަށް ޙަސަދަވެރިކަމެއް ލައިގަނެފާނެ ތީ ޒުލައިޚާ ބިރުފުޅު ގަންނަނީހެން." ރުފައިދާ ބުންޏެވެ.

"ތިޔަ ހުރިހާ ސަމާލުކަމެއް، މުތަބަންނާ ދަރިކަލަކަށް ތަ؟" ޖައިދާ އެހިއެވެ.

"ޖައިދާ! ދައްކާ ވާހަކައާ މެދު ފަރުވާތެރިވޭ! ޒުލައިޚާ އެ ދަރިކަލުންނާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވޭ. ޒުލައިޚާއަކަށް މިހާރު އެ ދަރިކަލުންނަށް ވުރެ މުހިންމު އެހެން އެއްވެސް ފަރާތެއް ނުވޭ." ފުތޫން ބުންޏެވެ.

"ރަށުގެ ކަމުވޮށިގެންވާ ކަނބަލުންނަށް ސަލާމް ހުރި." ޢަޒީޒު ވިދާޅުވިއެވެ.

"މިސްރުގެ ޢަޒީޒަށް އަޅުގަނޑުމެންގެ ފަރާތުން ވެސް މަރުހަބާ!" ރުފައިދާ ބުންޏެވެ.

"މާ ގިނައިރު މި ގޮތަށް ގަނޑުވަރަށް އައިސް ތިބުމުގެ ސަަބަބުން ތިޔަ ދެ ކަނބަލުންނަށް އުނދަގޫފުޅު ވެދާނެތީ ބިރުގަންނަން." ފުތޫން ބުންޏެވެ.

"ސާހިބާ! އަޅުގަނޑުމެން ދާން ހަމަ މި ނުކުންނަނީ." ޖައިދާ ބުންޏެވެ.

"އެހެންނެއް ނޫން. މަޑު ކޮށްލައްވާ. މި ގަނޑުވަރަކީ ތިޔަ ކަނބަލުންގެ ވެސް ގަނޑުވަރު ކަމުގައި ބައްލަވާ!" ޢަޒީޒު ވިދާޅުވިއެވެ.

"ޒުލައިޚާ! ކީއްވެ ތޯ އެކުވެރި ކަނބަލުން އެކަނި ކުރައްވައިފައި ވަޑައިގަތީ؟" ޢަޒީޒު ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު ދިޔައީ ޔޫސުފު އޮތް ކޮޓަރީގެ ދޮރު ލައްޕާން. އެއީ އެ ކުޑަ ދަރިފުޅަށް މި ކަނބަލުންގެ ވާހަކަ ދެއްކެވުމުގެ އަޑުން އުނދަގޫ ވެދާނެތީ." ޒުލައިޚާ ވިދާޅުވިއެވެ.

*****

"އެ ގޮތުގައި އެތަކެއް އަހަރެއް ވޭތުވެގެން ދިޔަ. އެ މުއްދަތުގެ ތެރޭގައި ޢަޒީޒުގެ ގޭގައި ހުންނަވައިގެން ﷲ ގެ ނަބިއްޔާ ޔޫސުފުގެފާނު ބޮޑުފުޅު ވި. އެކަލޭގެފާނަކީ ތޫނުފިލި، ބަނިޔާދަން، ވިސްނުންފުޅު ތޫނު ޒުވާނެއް ކަމުގައި ވި." ގާޒީ ޞަފިއްޔުއްދީން ވާހަކަ ކިޔައި ދެއްވަމުން ގެންދެވިއެވެ.

*****

"އިސްތަށިކޮޅު ރީތިކޮށް ދޭ ބާނދީ މިއަދު އެއްޗެއް މަދު ކޮށްލީ ތޯ؟" ޒުލައިޚާ ކުރެން ސަބީހާ އެހިއެވެ.

"ކިހިނެއް ވީ؟" ޒުލައިޚާ ސުވާލު ކުރެއްވިއެވެ.

"ކަމަނާގެ ހިކުމަތާއި ހަރުދަނާކަން ބޭރަށް ފާޅުކޮށް ދޭ ބައެއް ހުދު އިސްތަށި ފެންނާން ހުރީމާ." ސަބީހާ ދެންނެވިއެވެ.

"އާނ. ރަނގަޅު ވާހަކައެއް. ހިކުމަތާއި ހަރުދަނާކަން ބޭރަށް ފާޅު ވާ ހުދު އިސްތަށްޓަކީ އެހެން މީހުންގެ ގާތުގައި ނުރަ. އަދި ނުރަޔަކީ މުސްކުޅިކަމުގެ އަލާމާތެއް. ވީމާ އަވަހަށް ކަޅު ކުރާ ސާމާނު ގެނެސް އެތަންތަން ފޮރުވައިލާ! ރޭގަނޑުގެ އަނދިރިކަން ފަދައިން ކަޅު ވާން ވާނެ." ޒުލައިޚާ ވިދާޅުވިއެވެ.

"މިހިރީ ފަރުބަދަމަތީގެ އެންމެ މޮޅު މާމުއި. މި ބޭނުން ކުރެއްވުމުން ހަންގަނޑު ދޫވިޔަ ނުދީ ހިފަހައްޓާނެ." ސަބީހާ ބުންޏެވެ.

"އަވަސް ކޮށްލާ! ޔޫސުފު ނުކުތުމުގެ ކުރީގައި ޖެހޭނެ ހުރިހާ ކަމެއް ނިމޭން." ޒުލައިޚާ ވިދާޅުވިއެވެ.

"ކުޑަ އިރުކޮޅެއް ކުރީން ޔޫސުފު ނުކުމެވަޑައިގެންފި." ސަބީހާ ދެންނެވިއެވެ.

"އަހަރެންގެ އިޒުނައާ ނުލައި ނުކުތީ ކިހިނެއް؟" ޒުލައިޚާ ކޯފާގެ ރާގެއްގައި ވިދާޅުވިއެވެ.

"މާފު ކުރައްވާ، މަ ސާހިބާ! މިހާރު އެއީކީ ތުއްތު ކުއްޖެއް ނޫނެއް ނޫން ތޯ؟ މިހާރު އެއީ ހަމަ ފުރިހަމަ ޒުވާނެއް." ސަބީހާ ދެންނެވިއެވެ.

"އަހަރެން ބިރު ގަންނަނީ އެހެންވެގެންނޭ." ޒުލައިޚާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނުނު. މަ ސާހިބާ!" ސަބީހާ ދެންނެވިއެވެ.

"ޢަޒީޒުގެ އަދާވާތްތެރީން ގިނަ ވާނެ. ވީމާ ޢަޒީޒުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން މީހަކު ޔޫސުފަށް ކަމެއް ކޮށްފާނެތީ ވަރަށް ބިރު ގަނޭ. އެކަނި މާއެކަނި ނުކުމެ އުޅުން ރައްކާތެރިއެއް ނޫން." ޒުލައިޚާ ވިދާޅުވިއެވެ.

"ޚާލިޤުވަންތަ އިލާހު އެ ދަރިކަލުން ރައްކާތެރި ކޮށްދެއްވާނެ." ސަބީހާ ބުންޏެވެ.

"ދެން ޔޫސުފު ގަނޑުވަރުން ބޭރަށް ނުކުންނާން ވެއްޖެ ނަމަ، އިޒުނަ ހޯދުމަށް އަހަރެންގެ ގާތަށް އަންނަން އަމުރު ކުރޭ. އަދި އެންމެ ރަނގަޅު ގޮތަކީ ކޮންމެ ފަހަރަކު ވެސް ޔޫސުފާ އެކީގައި އަހަރެން ދިއުން. އޭނާއާ މެދުގައި އަހަރެންގެ ހިތްހަމަ ޖެހޭނީ އޭރުން." ޒުލައިޚާ ވިދާޅުވިއެވެ.

"ތިޔަ ބައިމީހުންގެ މަސައްކަތް ނިމިއްޖެތަ؟ ތިޔަ ބައިމީހުންނަށް މިހާރު ގެޔަށް ދެވިދާނެ. ...... މަ ސާހިބާ! ކަމަނާއާ އެކަހެރިކޮށް ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުން." ސަބީހާ ބުންޏެވެ.

"ވާހަކަ ދައްކާ!" ޒުލައިޚާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީ ވަނީ، މިހާރު ކަމަނާ ޔޫސުފަށް ތިޔަ ދެއްވާ ސަމާލުކަން މާ ބޮޑު ހެން. ތިޔަ ކަމުގެ ސަބަބުން ކަމަނާގެ ފިރިކަލުން ސާހިބާ އަތުފީރުގެ ޣީރަތްތެރިކަން ހިލިގަތުމަކީ އެކަށީގެންވާ ކަމެއް." ސަބީހާ ދެންނެވިއެވެ.

"ތިޔައީ ކޮން ކަހަލަ ބޭކާރު ވާހަކައެއް. ހީވަނީ ކަލޭ މުސްކުޅިވެ ރަނބަތެޅުވުމުގެ ބަލި ޖެހުނީހެން." ޒުލައިޚާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ވާހަކަ މި ދެއްކީ ކަމަނާގެ މަސްލަހަތަށް ޓަކައި." ސަބީހާ ދެންނެވިއެވެ.

"އަހަރެންނަށް އަހަރެންގެ މަސްލަހަތު ވަރަށް ރަނގަޅަށް އެނގޭ. އަދި ތިޔަ ގޮތަށް ދެން އަހަރެންނާ މުޚާޠަބު ނުކުރުމަށް ނަސޭހަތްތެރި ވަން. ކޮންމެ މީހަކަށް ވެސް އެމީހެއްގެ މިންވަރާއި މަގާމު އެނގެން ވާނެ." ޒުލައިޚާ ވިދާޅުވިއެވެ.

"އަޅުގަނޑު ހުވާ ކޮށްފައި ދަންނަވަން. ކަމަނާގެ މަސްލަހަތާ މެދުގައި ވިސްނައިފައި މެނުވީ އަޅުގަނޑު އެ ވާހަކަ ނުދަންނަވަން." ވަރަށް އަދަބުވެރިކަމާ އެކު ސަބީހާ ދެންނެވިއެވެ.

*****

"ކީރިތި ޤުރްއާނުގެ ޔޫސުފު ސޫރަތުގެ 21 ވަނަ އާޔަތުގައި އައިސްފައިވޭ. - مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. -" ގާޒީ ޞަފިއްޔުއްދީން އޭނާގެ ދަރިކަނބަލުންނަށް ކިޔައިދެއްވަމުން ގެންދެވިއެވެ.

"ހައިރާން ވެއްޖެ! ކުޑަ އިރުން ފެށިގެން ދަރިކަލެއްގެ ގޮތުގައި ބޮޑު ކުރެއްވުމަށް ފަހު، ފިރިހެނަކު ދެކެ ލޯބިވާ ފަދައިން އެކަމަނާ އެކަލޭގެފާނު ދެކެ ލޯބިފުޅު ވީ ތޯ؟" ސަލްމާ އެހިއެވެ.

"އާނ. ހިތާމައަކީ އެކަން އެ ގޮތަށް ހިނގީތީ." ގާޒީ ވިދާޅުވިއެވެ.

"ދެން ވީ ކިހިނެއް ތޯ؟ އެކަމަނާގެ އިއްޒަތާއި ޝަރަފަށް ޓަކައި ނުރަނގަޅު ފިޔަވަޅެއް އަޅުއްވާނެ ހެން ހިއެއް ނުވޭ." ސަލްމާ އެހިއެވެ.

"ފިޠުރަތާ ޚިލާފު ވެ އިންސާނާ އޭނާގެ ހިތުގެ އެދުންތަކަށް ބޯލަނބާން ފަށާ ހިސާބުން ޝައިޠާނާއަށް އިންސާނާގެ ހިތުގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު ލިބޭ. އަދި ހުރިހާ ނުބައި ކަމެއް ޒީނަތްތެރި ކޮށްދީ ހަދާ." ގާޒީ ވިދާޅުވިއެވެ.

"އެކަމަކު ތިޔަ ޝުޢޫރުތައް ހުރީ ޢަޒީޒުގެ އަންހެން ކަމަނާގެ ކިބައިގައި އެކަނި ނޫން ތޯ؟ ވީ އިރު ޔޫސުފުގެފާނުގެ މައްޗަށް ކޮން ތުހުމަތެއް ތޯ އަންނަން ވީ؟" ސަލްމާ އެހިއެވެ.

"މި ވާހަކަ އަދި ނުނިމޭ. މި ވާހަކައިގައި އަދި ވަރަށް ގިނަ ހާދިސާތައް އެބަ ހުރި." ގާޒީ ވިދާޅުވިއެވެ.

"ބައްޕާ! ތިޔައީ އަބަދުވެސް ބައްޕަ ހައްދަވާ ގޮތް. ވާހަކައެއް ފައްޓަވައިފައި އެ ވާހަކަޔަކަށް އަޅުގަނޑު ޝައުގުވެރިވާ ހިސާބުން ހުއްޓަވައިލައްވާނެ." ސަލްމާ ބުންޏެވެ.

"މިއަދަކީ ފަސޭހަ ދުވަހެއް ނޫން. މިހާރު ވަރަށް ގިނަ އިރު ވެސް ވެއްޖެ. އެހެން ކޮންމެވެސް އިރަކުން މި ވާހަކައިގެ ދެން ހުރި ބައިތައް ކިޔައި ދޭނަން. ހިތާމައިގެ ހެދުން ބަދަލު ކުރާން ދޭ. ބައްޕަވެސް މި ދަނީ ކުޑަކޮށް އަރާމު ކޮށްލާން." ގާޒީ ވިދާޅުވިއެވެ.