19 May 2019, 15:32
މިހާރު ނިމިގެން މިދާ ސީޒަނުގައި ޔުވެންޓަސްއަށް އަލަށް ގުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދުމަށްފަހު ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުނީ ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އޭނާ ވަނީ މި ސީޒަނުގައި ވިދިވިދިގެން އަށް ވަނަ ފަހަރަށް ޔުވެންޓަސްއިން އިޓާލިއަން ލީގު ކާމިޔާބު ކުރުމުގައި ބޮޑު ދައުރެއް އަދާކޮށް މުހިއްމު ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ.
ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުވެންޓަސްއަށް މިހާތަނަށް 21 ގޯލު ޖަހައިދީފަ އެވެ. ލީގުގެ ޓޮޕް ސްކޯރާގެ ލިސްޓުގެ ތިން ވަނާގައި ރޮނާލްޑޯ އޮތް ނަމަވެސް އޭނާ ވަނީ އަނިޔާގެ ސަބަބުން މެޗުތަކެއް ނުކުޅެ ދޫކޮށްލާފަ އެވެ. ރޮނާލްޑޯ މި ސީޒަނުގައި އެންމެ ފާހަގަވީ މުހިއްމު މެޗުތަކުގައި ތަފާތު ދެއްކުމުންނެވެ. ބަލިވާން ނުވަތަ އެއްވަރުވާން ދާ ވަގުތު ގޯލު ޖަހައި ރޮނާލްޑޯ ވަނީ އެތައް މެޗަކުން ޔުވެންޓަސް މޮޅު ކޮށްދީފަ އެވެ.
މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯއަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވަނީ ނާކާމިޔާބީއާ ކުރިމަތި ލާން ޖެހިފަ އެވެ. ދެވަނަ ބުރުގައި ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑު ކޮޅަށް ރޮނާލްޑޯ ހެޓްރިކު ހެދި ނަމަވެސް ކުއާޓާ ފައިނަލުން އަޔެކްސްގެ އަތް ދަށުވެ ޔުވެންޓަސް ވަނީ ކަޓައިފަ އެވެ.
ރޮނާލްޑޯ ވަނީ މި ސީޒަނުގައި ގޯލު ޖެހުމުގެ އިތުރުން ގޯލު ޖަހަން ބައިވަރު ފުރުސަތު ތަކެއް ވެސް އޭނަގެ ޔުވެންޓަސް ޓީމުގެ ކުޅުންތެރިންނަށް ފަހި ކޮށްދީފަ އެވެ. އެގޮތުން އޭނާ ވަނީ އަށް އެސިސްޓު ހަދާފަ އެވެ. ފަހަކަށް އައިސް އޭރިޔާ ތެރޭގައި ބޮޑަށް ހަރަކާތްތެރިވާ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ފާހަގަވެފައި އޮތް ނަމަވެސް މި ސީޒަނުގައި އޭނާ ވަނީ ފަހަތައް ވެސް ވަރަށް ބޮޑަށް ފައިބައިގެން މެދުތެރެއަށް ވެސް ކުޅެފަ އެވެ.
ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ނަޕޮލީގެ ކަލިޑޫ ކޫލިބަލީ އެވެ. އެންމެ މޮޅު ކީޕަރަކަށް އިންޓާ މިލާންގެ ސަމީރް ހެންޑަނޯވިޗް ހޮވުނު އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ލަޒިއޯގެ ސާގެޖް މިލިންކޯވިޗް އެވެ.
މީގެ އިތުރުން އެންމެ މޮޅު ސްޓަރައިކަރަކަށް ހޮވުނީ ސަމްޕްޑޯރިއާގެ ފެބިއޯ ކުއަގިލިއާރެއްލާ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ރޯމާގެ ނިކޯލޯ ޒަނިއޯލޯ އެވެ.