19 May 2019, 16:05
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. މިއީ އެ މިނިސްޓްރީގެ ނައިބު ކަމަށް އައްޔަން ކުރެއްވި ހަތަރު ވަނަ ބޭފުޅާ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމަށް ރައީސް މިފަހަރު އައްޔަން ކުރެއްވީ، މއ. އެރިޒޯނާ މަރިޔަމް ނާޒިމާ އެވެ.
ނާޒިމާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ނާޒިމާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، ޔޫތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، ހަޔާ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.
ނާޒިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓާސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލާ އޮފް ކޮމާސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ވެސް ހާސިލްކުރައްވައިފަ އެވެ.
ނާޒިމާ އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމަށް އައްޔަނުކުރެއްވި އިރު މިހާރު ވެސް އެ މިނިސްޓްރީގައި ތިން ނައިބުން ތިއްބަވަ އެވެ. އެއީ، އާމިނަތު މުހައްމަދު ސަލީމް އާއި، މަރިޔަމް ވިސާމް (ކޮމްޕެނީ ރެޖިސްޓްރާ) އަދި ހުސެއިން ޒާމިރު އެވެ.