22 Oct 2011, 15:12
މިއަހަރު ޑިސެމްބަރު 2 ން 12 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑް ކުރިއަށް އޮތް ދެ ދުވަސް ތެރޭ އިއުލާން ކުރާނެ ކަމަށް ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.
މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އަންނަ މަހުގެ ތިން ވަނަ ދުވަހު ޖަރުމަނަށް ކުރާ ދަތުރާ ބެހޭގޮތުން މިއަދު ހެދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެނޭޖަރު ބަލަކް ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ސްކޮޑް އަދި އެކުލަވާލައިފައި ނުވިނަމަވެސް، ކުރިއަށް މިއޮތް ދެ ދުވަސްތެރޭގައި 25 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކުރާނެ ކަމަށެވެ. އަދި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަދި ފެށިފައި ނުވިކަމުގައި ވިޔަސް، އަންނަ މަހުގެ ތިން ވަނަ ދުވަހު ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރަކީ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުރާ މުހިންމު ދަތުރެއް ކަމަށެވެ.
"އަންނަ މަހުގެ އެކެއް ދޭއްގައި ޓްރޭނިންތަކެއް ބާއްވާނެ. ޖަރުމަނަށް ޓީމް ފުރާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު. ޖަރުމަނު ދަތުރު ނިންމާލާފައި ޓީމް މާލެ އަންނާނީ 17 ވަނަ ދުވަހު." ބަލަކް ވިދާޅުވިއެވެ.
ބަލަކް ވިދާޅުވީ، ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރު ނިންމާލުމަށްފަހު، މާލޭގައި އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އެމެޗުތައް ކުޅުމަށް ހަމަ ޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޤައުމީ ޓީމް ބެންކޮކުކަގއި ރަހުމަތް ތެރި ކަމުގެ މެޗެއް ކުޅުމަށް ފުރާނެ ކަމަށް ބަލަކް ވިދާޅުވިއެވެ.
"ބެންކޮކަށް ކުރާ ދަތުރުގައި އެއް މެޗް ކުޅޭނެ. އެމެޗް ކުޅޭނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު. އަދި މުބާރާތަށް ޓީމް ދާނީ 29 ވަނަ ދުވަހު" ބަލަކް ވިދާޅުވިއެވެ.
މިއަދުގެ ނިއުސްކޮންފަރެސްގައި ބައިވެރިވި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސާޙް އިސްމާއިލް ވިދާޅުވީ، އަންނަ މަހުގެ 20 އަދި 22 ވަނަ ދުވަހު ޤައުމީ ޓީމް އެކުވެރި ކަމުގެ މެޗެއް މާލޭގައި ކުޅޭ އިރު، އެމެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުނަ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ކުރިން ވެސް ރާއްޖެއާ ސްލަވާކިޔާގެ ޓީމެއް ކަމަށެވެ. އަދި ދެ ވަނަ ޓީމަކީ ކޮންޤައުމެއްގެ ޓީމެއް ކަމެއް ސާހް ހާމަކޮށްފައެއް ނުވެއެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ޤައުމީ ޓީމް ޖަރުމަނަށް ކުރާ ޓުއާގައި ޖއެޤައުމުގެ ދެވަނަ ޑިވިޝާނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ ހަ މެޗު ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައި ވެއެވެ.
ރާއްޖޭގެ އިތުރުން މުމުބާރާތް ބާއްވާ އިންޑިއާ އިން ވެސް އަންނަ މަހު އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ދެމެޗު މެލޭޝިއާ ގައި ކުރިއަށް ދާއިރު، އަނެއް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޒަމްބިއާ އާއެކު އެވެ. އަދި އަންނަ މަހު ބަންގްލަދޭޝް އިން ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ޕާކިސްތާނު ޓީމު ވެސް އަންނަ މަހު ތައިލޭންޑަށް ފުރުމަށް ހަމަޖެހިފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވާ ބޫޓާން، އަފްޣާނިސްތާން އަދި ސްރީލަންކާގެ ފަރިތަކުރުންތައް ފަށާ ދުވަހެއް އެނގިފައެއް ނުވެއެވެ.
މުބާރާތް ޑިސެމްބަރު ދެ ވަނަ ދުވަހު ފަށާއިރު އެ ދުވަހު އޮންނާނީ ހުޅުވުމުގެ ރަސްމިއްޔާތާއި ގްރޫޕް އޭގެ ދެ މެޗެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެން ޖެހޭ އަނެއް ދެ މެޗު އޮންނާނީ ޑިސެމްބަރު ފަސް ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހަމަ އެ ގަޑީގަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.