ނަވާރަ ވަނަ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެން މެމްބަރު އަބްދުﷲ ރިޔާޒު މަޖިލިސް ރައީސް ތައީދު އޮތްގޮތް ހާމަ ކުރައްވައިފި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނަގަން ވޯޓު ނެގުން އޮންނާނީ މިމަހު 28 ވަނަ ދުވަހުގެރޭ އާ މެމްބަރުން ހުވާ ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާގަ އެވެ.

ނިމިދިޔަ މަޖިލީހުގައި ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ރިޔާޒު 'ސަން' އަށް ވިދާޅުވީ މަޖިލިސް ރައީސަކު އިންތިހާބު ކުރުމަށް ނަގާ ވޯޓުގައި އޭނާ ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ބޭފުޅަކަށް ކަމަށެވެ.

"އަދި ރައީސް ވިދާޅެއް ނުވޭ ތާއީދު ކުރައްވަނީ ކޮން މެމްބަރަކު މަޖިލިސް ރައީސް ކަމަށް ގެންނަން ކަމެއް. އެކަމަކު ރައީސް ވިދާޅުވާނެ ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ. ރައީސް ސޯލިހު ތާއީދު ކުރައްވާ މެމްބަރަކަށް ތާއީދު ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ތާއީދު ކުރައްވާނެ ބޭފުޅަކާ މެދު ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުގައި އަދި މަޝްވަރާ ނުކުރާ ކަމަށެވެ. ރައީސް ސޯލިހު ތާއީދު ކުރައްވާ ފަރާތަކަށް ތައީދު ހޯދުމަށް ޖުމްހޫރީ ޕާޓީގެތެރޭގައިވެސް ލޮބީ ކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އަފީފް އާއި އަސްލަމްގެ އިތުރަށް ދެން މަޖިލިސް ރައީސް ކަމަށް ޝައުގުވެރިވެފައި ވަނީ، ކާށީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ނޮމިނޭޓް ކުރަން ރައީސް ސޯލިހު ތާއީދު ކުރައްވަނީ، ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފްއަށް ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު ފަރާތަކީ އޭނާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ.