19 May 2019, 14:00
ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތައް އަވަސްކޮށް ނިންމުމުގެ ގޮތުން މިނިސްޓަރު ޝިދާތާ ޝަރީފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ފަހަކަށް އައިސް ޖެންޑާ މިނިސްޓްރީއަށް ވަރަށް ސީރިއަސް މައްސަލަތައް ދަނީ ހުށަހަޅަމުންނެވެ. އެގޮތުން އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ދެ ބޭބެއަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައަކާއި ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ 45 އަހަރުގެ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅައި މަގުބައްތިއެއްގައި އައްސާފައިހުރި މައްސަލަ ފާހަގަވެފައިވެ އެވެ.
އެ ދެ މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ މައްސަަލައިގައި އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޖެންޑާ އިން ވަނީ ބުނެފައެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހު އެ މިނިސްޓްރީއަަށް 206 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 113 މައްސަލައަކީ ކުޑަކުދިންނާ ގުޅޭ އެކި މައްސަލަތައް ކަމަށެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 55 ޕަސެންޓްވެސް މެއެވެ.