22 Oct 2011, 14:43
ރާއްޖޭގައި އާންމުކޮށް އިޝްތިހާރުތައް ފެންނަނީ ޓީވީ މެދުވެރިކޮށެވެ. އެ އިޝްތިހާރު ފެންނާނީ ވަކި ގަޑިއެއްގައެވެ. ޝައުގުވެރިވި އިޝްތިހާރެއް ފަހުން ބަލައިލަން ބޭނުން ވިޔަސް ބަލައިލެވޭނެ ގޮތެއް ނޯވެ އެވެ. ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެބް ޑިޒައިނިން ފާމް، "ސެމީ ކޮލޯން"އިން ފަރުމާކޮށް އާންމު ކުރި "އެޑްސް އޮފް މޯލްޑިވްސް" އަކީ އިޝްތިހާރު ބަލާ ފަރާތަކަށް އެއް ދިމާލަކުން ހުރިހާ އިޝްތިހާރެއް ބަލައިލުމަށް ލިބުނު ފުރުސަތެކެވެ.
"މިއީ އަސްލު 'އެޑްސް އޮފް ދަ ވޯލްޑް' ގޮތަށް އިޝްތިހާރުތައް ބަލައިލަން ބޭނުންވާ މީހުންނަށް، އެއިގެން އިންސްޕަޔާ ވާން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އެއް ދިމާލަކުން އެތަކެތި ބަލައިލުމުގެ ބޭނުމުގައި މި އުފެއްދި ސައިޓެއް،" އެޑްސް އޮފް މޯލްޑިވްސް ފަރުމާކުރި ޓީމް ލީޑްކުރި އެ ކުންފުނީގެ ކުރިއޭޓިވް ޑައިރެކްޓާ ނަސްރުﷲ އަދުނާން (ނައްޓު) މިއަދު ވިދާޅުވި އެވެ.
ނައްޓު ވިދާޅުވީ އެންމެ 24 ގަޑިއިރުގެ މަސައްކަތުން އުފެއްދި އެޑްސް އޮފްދަ މޯލްޑިވްސް (ފޮޓޯގައި) މަސައްކަތަކަށް ބެލުމަށް ވުރެ ބޮޑަށް މުޖުތަމައުގެ ފައިދާއަށް ވިސްނުން ބަހައްޓައިގެން ކުރި މަސައްކަތެއް ކަމަށެވެ.
އެޑްސް އޮފްދަ މޯލްޑިވްސް އަށް ހަފުތާއެއްހާ ދުވަސްވީއިރު 70 ވީޑިއޯ އާއި 30 ޕުރިންޓް އެޑް ޕޯސްޓްކޮށްފައި ވެއެވެ.
"ހަފްތާއެއްހާ ދުވަސްވީއިރު ވަރަށް ރަނގަޅު. ގިނަ ބަޔަކު މި ދަނީ ވީޑިއޯ އަދި ޕްރިންޓް އެއްޗިހި ޕޯސްޓް ކުރަމުން. އެހެންވީމަ ބުނެވޭނީ ރަނގަޅޭ،" ނައްޓު ވިދާޅުވި އެވެ.
އެޑްސް އޮފްދަ މޯލްޑިވްސްއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެބްސައިޓްގައި ވެއެވެ. އެގޮތުން ވަކި ކުލަތަކެއް ހިމެނޭ އިޝްތިހާރުތަށް ވަކިން ހޯދައޮ ކުރިއޭޓިވް އިޝްތިހާރުތަށް އުފައްދާ ފަރާތްތައް ފަސޭހަކަމާއި އެކު ވެބް ސައިޓުގެ އެހީގައި ހޯދެ އެވެ. ބޭރުގަނޑުގައި އެންމެ ފަހުން ޕޯސްޓް ކުރި އިޝްތިހާރުތަކާއި އެންމެ މަގުބޫލު އިޝްތިހާރުތައް ފެނުނަމަކީ ވެސް ބަލާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކަށް އޮތް ބޮޑު ފުރުސަތެކެވެ.
"ކުރިއޭޓިވް އިޝްތިހާރުތަށް ބަލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ވިސްނައިގެން މުޅި ސައިޓް ޑިޒައިން ކުރެވިފައި ހުންނާނީ،" ސައިޓް ޑިޒައިން ކުރުމުގައި ވިސްނުން ގެންގުޅުނު ގޮތާމެދު ނައްޓު ވިދާޅުވި އެވެ.
"މިއީ ގިނަ ބަޔަކަށް ފެންނަ ބޮޑު ޕްލެޓް ފޯމަކަށް ވާތީ، ގިނަބަޔަކަށް ފެންނަ ގޮތަށް އިޝްތިހާރުތައް ޕޯސްޓް ކުރުން ވަރަށް މުހިންމު، އެހެންވެ ގިނަ މީހުން ޕޯސްޓް ކުރުމަކީ މުހިންމު ކަމެއް. އޭރުން ގިނަބަޔަކަށް މި އެއްޗިހި ފެނިގެން ދާނެ، އަދި ފައިދާތައްކޮށް އިޝްތިހާރުތަކުގެ ކޮލިޓީ ރަނގަޅުވާން ފަށާނެ،" ނައްޓު ވިދާޅުވި އެވެ.
އެޑްސް އޮފް ދަ މޯލްޑިވްސް