18 May 2019, 21:28
ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަހައްދީ ދާރުލްއާސާރުތަކެއް ހުޅުވުމަށް މަޝްވަރާތައް ފަށައި އެކަމުގެ ޕްލޭންތަކެއް ކުރަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސްބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި މެސެޖެއްގައި ވިދާޅުވީ، ދާރުލްއާސާރަކީ އެ މުޖުތަމައއެއްގެ އަހުލުވެރިންނާއި ދިރާސާކުރާ ފަރާތްތަކާއި ޒުވާނުންނާއި ކިޔަވާކުދިންގެ އިތުރުން ފަތުރުވެރިންނަށް އެ މުޖުތަމައުއެއްގެ ތާރީހާއި ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ބިނާއެއް ކަމަށެވެ.
އެހެންކަމުން ދާރުލްއާސާރަކީ ގައުމެއްގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ދައުރެއް އަދަކުރާ ތަންތަން ކަމަށް ޔުމްނާގެ މެސެޖުގައިވެއެވެ. ދާރުލްއާސާރުތައް ތަރައްގީކޮށް އެތަން މުއްސަދިކުރުން ވެގެންދާނީ ރާއްޖޭގެ އިޖުތުމާއީ ގޮތުން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މާލީ މަންފާތަކެއް ލިބި އިގްތިސޯދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ޔުމްނާގެ ބަޔާނުގައިވެއެވެ.
"ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވައި ސަރަހައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީހާއި ތަރިކައާއި ސަގާފަތާމެދު ދިވެހިންގެ ހިތްތަކުގައި ފަހުރުވެރިކަން އުފެދޭނެ ކަމެކެވެ،" ޔުމްނާގެ ބަޔާނުގައިވެ އެވެ.
ސަރަހައްދީ ދާރުސްއާސާރުތައް ވެގެންދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ދާރުލްއާސާރެއް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 11 ގައި ކަމަށެވެ.
"މީގެ އިތުރުންވެސް އެހެނިހެން ހިސާބުތަކުގައި ސަރަހައްދީ ދާރުލްއާސާރު ހުޅުވުމުގެ ޕްލޭންތައް ތައްޔާރުކުރެވި މަޝްވަރާތައް ދަނީ ކުރެވެމުން،" ޔުމްނާ ވިދާޅުވިއެވެ.