22 Oct 2011, 14:28
ފުލުހަށް ހާޒިރުކޮށް ކުރިމަތިކުރި ބައެއް ސުވާލުތަކުގެ ޖަވާބު ނުދެއްވައި ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައިވާކަމަށް ކުރީގެ ރައީސްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން މިއަދު ފުލުސް އޮފީހަށް ހާޒިރުވެޑައިގަތުމަށް ފަހު ފުލުސް އޮފީސް ކުރިމަތީގައި ހުންނަވައި ވިދާޅުވެއްޖެ އެވެ.
މިދިއަ ބުރާސްފަތި ދުވަހު އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި މ. އެންދިރިމާގޭ ކައިރީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ޣައްސާން މައުމޫން ހާޒިރުކޮށް ކުރިމަތި ކުރި ސުވާލުތަކާ ބެހޭ ގޮތިން ޣައްސާން ވިދާޅުވީ ފުލުހުން އޭނާ ހާޒިރުކުރީ އެންދެރިމާގޭ ކައިރީ އެމްޑީޕީން ހިންގި މުޒާހަރާއާއި ގުޅިގެން ބައެއްކަންކަން ސާފު ކުރެއްވުމަށް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ކުރެއްވި ބައެއް ސުވާލުތަކުން ފުލުހުން އޭނާއަށް ތުހުމަތެއް ކުރައްވާކަން ހީވާތީ ފުލުހުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވާ ހަނުހުރުމުގެ ހައްގު ބޭނުންކުރެއްވި ކަމަށެވެ.
"އެ ބޭފުޅޫން ކުރެއްވި ބައެއް ސުވަލުތަކުން އަޅުގަޑާމެދު ތުހުމަތުތަކެއް ކުރައްވާކަން ހީވާތީ އެ ހިސާބުން އަޅުގަނޑަށްޖެހުނީ ގާނޫނު އަސާސީން ލިބިގެންވާ ހަނުހުރުމުގެ ހައްގު ބޭނުންކުރަން،" ޣައްސާން ވިދާޅުވިއެވެ.
~
އޭނާ ވިދާޅުވީ އެދުވަހުގެ ހާދިސާ ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށާއި އެންދެރިމާގެ ކައިރީ އެމްޑީޕީން ކުރި މުޒާހަރާއާއި ގުޅިގެން އޭނާގެ އާއިލާއިން ފުލުސްއޮފީހަށް ހުށަހެޅި އެއްވެސް މައްސަލައެއް ފުލުހުން ނުބައްލަވާ ކަމަށެވެ.
http://sun.mv/albums/l_2121.jpg
ފުލުހުން ކުރެއްވީ ކޮންސުވާލުތަކެއްތޯ ދެންނެވުމުން ޣައްސާން ވިދާޅުވީ ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށެވެ.
"އެ މައްސަލައަކީ ހިނގަމުންދާ މައްސަލައަކަށްވާތީ ފުލުހުން ކުރެއްވި ސުވާލުތަކަކީ ކޮބައިކަން ދެންނެވޭކަށް ނެތް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާނުގެ ވަކީލުންގެ ގޮތުގައި ފުލުސް އޮފީހަށް އޭނާއާއު ވަކީލު މުހައްމަދު ވަހީދު އިބުރާހީމާއި އައިޝަތު އާޒިމާ ޝަކޫރު ވަޑައިގަތެވެ.