18 May 2019, 14:04
ހުޅުމާލޭގައި ދުއްވި ބަހެއްގެ ދަށުވެ ޓޫރިސްޓަކު މަރުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަސް ޑްރައިވަރު ބަންދުން ދޫކޮށްލައިފިއެވެ.
އެ ބަސް ޑްރައިވަރު ހައްޔަރުކުރި ހާދިސާ ހިނގީ، މި މަހުގެ ހަވަނަ ދުވަހު ހެނދުނުއެވެ. އެ ހާދިސާ ހިނގީ ޑްރައިވަރަށް ނިދިގެން ގޮސް، އޭނާ ދުއްވަން އިން ބަސް ކޮންޓްރޯލުން ނެއްޓި މަގުމަތިން ހިނގާފައި ދިޔަ ޔޫކްރެއިންގެ އަންހެނެއްގެ ގައި މައްޗަށް އެރުމުންނެވެ.
އެކަމާ ގުޅިގެން އޭނާގެ ބަންދު ކްރިމިނަލް ކޯޓުން ދެ ފަހަރަކަށް އިތުރު ކުރިއެވެ. އެއީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށެވެ.
އެ ޑްރައިވަރު ޝަރުތުތަކަކާ އެކު ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުއްދަތު އަޑުއެހުމުގައެވެ. އެކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މަރުވި ޔޫކްރެއިންގެ 31 އަހަރުގެ އަންހެން މީހާއަކީ އޭނާގެ ލޯބިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ. އޭނާގެ އާއިލާއިން މާލެ އައުމުން އާއިލާއާ ހަށިގަނޑު ވަނީ ހަވާލުކޮށްފައެވެ.