ކޮލޮމްބޯ (މެއި 18): ސްރީލަންކާގައި މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޯޓާބަޔަ ރައީސްކަމަށް ވާދަ ކުރައްވާނެކަމުގެ ހަބަރު މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އޭނާ އެކަން ޔަގީންކޮށްދެއްވީ އިއްޔެ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"ޔަގީނުންވެސް ވާދަ ކުރާނަން. މާ ކުރިންވެސް އެގޮތަށް ނިންމައިފިން. އެހެންނޫން ނަމަ އެމެރިކާގެ ރަށްވެހިކަން ދޫކޮށްނުލާނަން،" ގޯޓާބަޔަ ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު ގޯޓާބަޔަ ވަނީ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމަށް ފޯމު ހުށަހަޅާފައެވެ.

ލަންކާގައި 25 އަހަރަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގޯޓާބަޔަކގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުކޮށްފައެވެ.

އެގޮތުން، 2009 ވަނަ އަހަރު ނޫސްވެރިޔާ ލަސަންތަ ވިކްރަމަތުންގަ މަރާލުމުގައި ގޯޓަބަޔަގެ އަތެއް ވާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީގެ ކުރިން ގޯޓާބަޔަގެ ބެލުމުގެ ދަށުގައި އޮތް ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން ތަމަޅަ މީހަކު ހައްޔަރުކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައެއްވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ނަމަވެސް ގޯޓާބަޔަ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ސްރީލަންކާގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހެއެވެ. މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުއެވ.ެ