ސިފައިންގެ ވަޒީފާގައި ތިބެ، ގާނޫނާއި ޚިލާފަށް ވަޒީފާއަށް ފިލައިގެން އުޅޭ އިތުރު ސިފައިން މިދިއަ ބުރާފަތި ދުވަހުގެ ކުރިން ސިފައިންގެއަށް ރިޕޯޓު ކުރަން އެންގުމުން ހާޒިރުވެ، ހަތް މީހަކު ސިފައިންގެއަށް މައުލޫމާތު ދީފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

މީޑިއާ އޮފިޝަލު، މޭޖާ އަބްދުއް ރަހީމް އަބްދުއް ލަތީފު މިއަދު ވިދާޅުވީ ފިލައިގެން އުޅޭ އިތުރު ސިފައިންނާ ބެހޭ ގޮތުން ޑިފެންސް މިނިސްޓްރީންކޮށްފައިވާ އިއުލާނާ އެއް ގޮތަށް މިދިއަ ބުރާސްފަތި ދުވަހު ބައެއް ފަރާތްތަކުން ސިފައިންގެއަށް ރިޕޯޓުކޮށް މައުލޫމާތު ދީފައިވާއިރު އޭގެ ތެރެއިން ގިނަ ބައެއްގެ ހަބަރެއް ނުވާ ކަމަށެވެ.

"ބައެއް ކުދިން ރިޕޯޓްކޮށް މިހާރު ވަނީ މައުލޫމާތު ދީފައި. ގިނަ ބަޔަކު ރިޕޯޓެއް ނުކުރޭ،" އަބްއް ރަހީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ރިޕޯޓް ނުކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުމުގެ މަސައްކަތް މިހާރު ހިނގަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެމީހުންގެ ވަނަވަރު ފޮޓޯއާއެކު އާންމު ކުރައްވާނެ ކަމަށެވެ.
~
ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެފަރާތް ތަކާމެދު ސިފައިންގެ ގާނުނޫގެ 43 ވަނަމާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިފައިންގެ ހިދުމަތާ ގުޅުމަށްފަހު އަސްކަރިއްޔާގެ އެއްބަސްވުމާއި ހިލާފުވި13 މީހަކު ޝަރަފުވެރިކަމާއި ނުލައި މި މަހުގެ ކުރީ ކޮޅުގައި ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަބުއްރަހީމް ވިދާޅުވީ 13 މީހުންގެ ތެރެއިން ޝަރީއަތަށް ފޮނުވަން ޖެހޭ މީހުނާބެހޭ ކަންކަން ޑިފެންސް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ.

ގައުމީ ދިފާއީބާރުން ބުނީ ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ދަޢުލަތުގެ ޚަރަދުގައި ތަމްރީނާއި ތަޢުލީމް ހޯދުމަށް ފަހު، ވެފައިވާ ޤާނޫނީ އެއްބަސްވުމާއި ޚިލާފުވެފައިވާ ފަރާތްތަކާއި ވަޒީފާގެ އެއްބަސްވުމާއި ޙިލާފްވާ ފަރާތްތައް ހިމެނޭކަމަށެވެ. ޝަރަފްވެރިކަމާއި ނުލައި މިއަދު ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ތެރެއިން ޝަރީޢަތަށް ފޮނުވަންޖެހޭ ފަރާތްތައް ޝަރީޢަތަށް ފޮނުވާނެ ކަމަށް ވެސްވަނީ ބުނެފައެވެ. ސިފައިންގެ ހިދުމަތާ ގުޅި ވަޒީފާއަށް ފިލައިގެން އުޅެނީ ކިތައް ސިފައިން ކަމެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.