17 May 2019, 21:07
އިސްލާމް އާބާދު (މޭ 17): އިންޑިއާގެ މަދަނީ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮންނަ އޮތުން އެގޮތަށް ބޭއްވުމަށް ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ރިޔާސަތު ބެލެހެއްޓެވި އެކައުންސިލް ގެ ޖަލްސާއަކުން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ޕާކިސްތާން ގެ ވައިގެ ސަރަހައްދު ހުރަސްކުރަން ބޭނުންވާ އިންޑިއާގެ މަދަނީ މަތިންދާބޯޓުތަކަށް އަދި އެފުރްސަތު ނުދިނުމަށެވެ.
ކަޝްމީރުގެ އިންޑިޔާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރުގެ ޕުލްވާމާގައި މިދިޔަ ފެބްރުވަރީ މަހު ދިން ބޮމުގެ ހަމަލާތަކުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ 27 މީހުން މަރުމަށްފަހު އިންޑިޔާގެ އަސްކަރީ ބޯޓުތަކުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އެދެގައުމުގެ ވައިގެ ސިފައިންގެ މެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދު އިންޑިޔާގެ ފަސިންޖަރު މަތިންދާބޯޓުތަކަށްވެސް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިޔާގެ އެއާލައިންތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. އެއީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ނެއްޓުމަށް ޓަކައި ކުރަންޖެހޭ ދަތުރު ދިގުވުމުންނެވެ.
އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު ދެހަފްތާއެއްހާ ދުވަހަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރި ނަމަވެސް ފަހުންވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ އިންޑިޠާ ފިޔަވައި އެހެންގައުމުތަކަށް ދީފައެވެ. އިންޑިޔާއަށް މިފުރްސަތު ނުދިނުމަށް ނިންމާފައިވާ ނިންމުން ދެން މުރާޖަޢާ ކުރާނީ މި މޭމަހުގެ ފަހުކޮޅު ބާއްވާ ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުންނެވެ.
ޕާކިސްތާނުގެ ވައިގެ ސަރައްދަށް ވަނުން ދާއިމީ ގޮތަކަށް މަނާކޮށްފައިވާ ހަމައެކަނި ގައުމަކީ ފަލަސްތީނަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ މުސްލިމުންގެ ދުޝްމަން އިސްރާއީލެވެ. ޕާކިސްތާނުގެ ވައިގެ ސަރައްދު ހުރަސްކުރުމުގެ ފުރަސަތު އިންޑިޔާގެ ފަސިންޖަރު މަތިންދާބޯޓުތަކަށް ދިނުމުގެ މައްސަލަ މިމަހުގެ ފަހުކޮޅު އަލުން މުރާޖައާ ކުރަން ނިންމީ އިންޑިޔާގެ އާންމު އިންތިޚާބުގެ ނަތީޖާ އަށް ބެލުމަށްފަހު އެމައްސަލާގައި ގޮތެއް ނިންމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)