22 Oct 2011, 12:37
ޖަމާލުއްދީންގެ ސްކޫލް ބާ އިމާރާތް ހުރި ގޯތި އެ ސްކޫލާ ހަވާލު ކުރަން ގައުމީ ޔުނިވާސިޓީ ދެކޮޅު ހަދަމުންދާ ކަމަށާއި އެ އިމާރާތްތައް ހޯދަން ކޯޓަށް ދާންޖެހިއްޖެ ނަމަ ފަސް ނުޖެހޭނެ ކަމަށް ޖަމާލުއްދީން ސްކޫލުން ބުނެފި އެވެ.
މީގެ އިތުރުން ޖަމާލުއްދީނުން މިއަދު ވަނީ ބާ އިމާރާތުގައި ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގި އިމާރާތް ސްކޫލާ ހަވާލު ކުރުމުން މިއަދު ހެނދުނު 7:00 ވެސް ނުޖަހަނީސް "ޖަމާލުއްދީން އެނެކްސް"ގެ ނަމުގައި ބޯޑެއް ވެސް ހަރުކޮށްފަ އެވެ.
ޕްރިންސިޕަލް ހަސަން މުހައްމަދު މިއަދު ވިދާޅުވީ ބާ އިމާރާތުގެ އިރުމަތީފަޅީގައި ހުރަހަށް ހުރި ޖަމާލުއްދީނަށް ރަޖިސްޓްރީކޮށްފައިވާ، އެކަމަކު ގައުމީ ޔުނިވާސިޓީން ބޭނުން ކުރަމުންދާ އެ އިމާރާތްތައް ސްކޫލާ ހަވާލުކުރަން ޔުނިވާސިޓީން ދެކޮޅު ހަދާ ކަމަށާއި އެ އިމާރާތްތައް ހޯދުމުގެ މަސައްކަތް ކުރާއިރު ޔުނިވާސިޓީއާ ދެކޮޅަށް ކޯޓަށް ދާންޖެހިއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށެވެ.
~
"ބާއިމާރާތުގެ އިރުމަތީ ފަޅީގެ ހުރަހަށް ހުރި ހުރިހާ އިމާރާތަކީ މާލޭ ސިޓީ ކައުންސިލުން ޖަމާލުއްދީން ސްކޫލްގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވާ ތަންތަން. އެހެންވެ އެތާގައި ހިންގާ އިމާރާތްތައް ސްކޫލާ ހަވާލުކުރުމަށް އަޅުގަނޑުމެން މި އެނގީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތާނގައި ހިންގަމުންދިޔަ އީޕީއޭ އާއި ގައުމީ ޔުނިވާސިޓީގެ އިމާރާތްތައް އެ ސްކޫލާ ހަވާލުކުރުމަށް އެންގި ނަމަވެސް މިހާތަނަށް އެ ސްކޫލާ ހަވާލުކޮށްފައި ވަނީ ކުރިން އީޕީއޭ ހިންގަމުން އައި އިމާރާތް އެކަނި ކަމަށާއި ޔުނިވާސިޓީ އިން ބޭނުންކުރާ އިމާރާތްތައް ސްކޫލާ ހަވާލު ނުކުރާނެ ކަމަށް ޔުނިވާސިޓީ އިން ބުނެފައިވާ ކަމަށެވެ.
"މިހާރު ތިން ފަހަރެއްގެމަތިން ސްކޫލުން ވާނީ އެ އިމާރާތްތަށް ހަވާލުކުރަން އަންގާފައި. މިދިޔަ އަހަރު މެއި މަހުގައި ވެސް އެންގިން. މިއަހަރުގެ ފެބްރުއަރީގައި ވެސް އެންގިން. މިދިޔަ ހަފުތާގައި ވެސް އެންގިން. އެ ބޭފުޅުން ކަނޑައެޅުގެން ވިދާޅުވީ ތިމަންނަމެން އެތަނުން ނުކުންނާނަމޭ،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އެ އިމާރާތްތައް ހަވާލުކޮށްފައިނުވާތީ ސްކޫލްގެ އިތުރު ހަރަކާތްތައް ހިންގުމަށް ވެސް ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ.
މި މައްސަލައިގައި ގައުމީ ޔުނިވާސިޓީގެ އިސްވެރިންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.